މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިއްޖެ: ހޯމް މިނިސްޓަރު

Screenshot 2026-04-23 at 10.53.51

މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފަވާއިރު، އެތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވާ ވަޒީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 89 ކިލޯގެ މަސްތުވާތަކެތި އަތުލެވިފަވާއިރު، އެތަކެތީގެ މަގުމަތީގެ އަގު 74.7 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ މާޗު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މައްސަލައެއްގައި 38.18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"މި ތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 35 މިލިއަން ރުފިޔާއަށް އަރާ. މީގެ ތެރޭގައި މާޗު މަހުގެ 5 ވަނަ ދުވަހު ކަނޑުމަގުން އެތެރެކުރަން އުޅުނު 6.2 ކިލޯގެ ހަޝިޝް އޮއިލް އާއި މާޗު މަހުގެ 20 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 6.5 ކިލޯގެ ކެނަބިސް ހިމެނޭ" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް 2003 ވޭޕް ސްޓިކް ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.

އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 19 ކިލޯގެ ދުންފަތާއި 99500އަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ