މިދިޔަ ލޯކަން ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަކަށް އެއްވެސް ކުށްވެރިއަކު ބަންދުން ދޫކޮށްފައި ނުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އައްޑޫ ސިޓީގައި ހިންގި ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކާއި ފުވައްމުލައް ސިޓީން ހައްޔަރުކުރި ބަޔަކު އިންތިހާބާ ދިމާކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކޮންމެ މީހަކު ހައްޔަރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ޓައިމްލައިންތަކެއް ހިނގަން ފަށާނެ ކަމަށެވެ.
"މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިހާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އަށް މަސް ދުވަހުގެ ތަހުގީގަކަށް ފަހު ހިންގި އެ އޮޕަރޭޝަނާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ފުލުހުން ގިނަ ހެކިތަކެއް ހޯދާފައިވީ ނަމަވެސް، ޕީޖީ އޮފީހުގެ ލަފައަކީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުން ކަމަށެވެ.
އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކުރި ކަމުގެ ތުހުމަތުކޮށްފައިވާއިރު މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ކުށްވެރިން އޭރު ރައީސަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.