ސީޕީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަށް ޒިޔާރަތްކުރައްވައިފި

IMG_20260423_WA_0068_915fdaa30a

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)އަށް އިއްޔެ ޒިޔާރަތްކުރައްވައި، އެ ކޮލެޖުގައި ތަމްރީނު ހަދަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ކޮމިޝަނާ ވަނީ ކޮލެޖުގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައި، ކުރިއަށްދާ މަސައްކަތްތައް މުރާޖައާކުރައްވައި، ތަމްރީނާ ގުޅޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. ފުލުހުންގެ ތަމްރީންތައް އިތުރަށް ހަރުދަނާކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ވަރުގަދަކުރުމާއި، ޒަމާނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ބޭނުންތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ބައްޓަންކުރުމާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކޮމިޝަނާ ވަނީ އެ ކޮލެޖުގައި މިހާރު ކުރިއަށްގެންދާ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. ދަރިވަރުންނާ މުހާތަބުކުރައްވައި، ތަމްރީނުގެ މަރުހަލާގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ގާބިލު، ޕްރޮފެޝަނަލް އަދި އަހުލާގީ ގޮތުން ރަނގަޅު އޮފިސަރުން ބިނާކުރުމުގެ ބިންގާ ކަމުގައި ވިދާޅުވިއެވެ.

"ތަމްރީނު މަރުހަލާއަކީ ވަރަށް މުހިންމު މަރުހަލާއެއް. ތަމްރީނު ފުރިހަމަކޮށް ޢަމަލީ މައިދާނަށް މާދަމާ ނުކުމެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ރައްޔިތުން ގަބޫލުކުރާ، އަދި މުއައްސަސާ އެދޭފަދަ ރަނގަޅު ފުލުހެއްގެ ގޮތުގައި މަސައްކަތްކުރާތަން ދެކެން ބޭނުންވޭ." ކޮމިޝަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންސްޓްރަކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވެ، ޤަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ކޮމިޝަނަރ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އިތުބާރާއި ޒިންމާދާރުކަމާ އެކު އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެ، ނަޒާހަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކޮށް، މުޖުތަމައުގެ އިތުބާރާއި އިހުތިރާމް ހޯދުމަށް މަސައްކަތްކުރުމަށް ކޮމިޝަނާ ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ