މަޝްހޫރު ދީނީ އިލްމުވެރިޔާ ސައޫދީ އަރަބިއްޔާގެ ޝައިހް އާސިމް އަލް ހަކީމް، އަށް ދުވަހުގެ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ހުއްދައާ އެކު އެ ދަތުރު ހަމަޖައްސާފައި ވަނީ "ދަ ޓްރެވަލާ" ގްރޫޕުންނެވެ.
މި ދަތުރުގައި ރާއްޖޭގެ ފަސް ސިޓީގައި ޝައިހް އާސިމް ދަރުސް ދެއްވާނެއެވެ. އެގޮތުން ފުރަތަމަ ދަރުސް ދެއްވާނީ މި މަހުގެ 27 ވަނަ ދުވަހު ރާއްޖެ ވަޑައިގެން އޭގެ ޖެހިގެން އޮތް 18 ވަނަ ދުވަހުގެ ރޭ 8:30 ގައި ކުޅުދުއްފުށީގައެވެ.
އޭގެ ފަހުން މާލޭގައި ދަރުސް ދެއްވުމަށް ފަހު 30 ވަނަ ދުވަހު އައްޑޫގައި ދަރުސް ދެއްވާނެއެވެ.
މީގެ އިތުރުން އަންނަ މަހުގެ އެއްވަނަ ދުވަހު ފުވައްމުލައް ސިޓީގައި ދަރުސް ދެއްވާއިރު، އެންމެ ފަހުން ދަރުސް ދެއްވާނީ ދެ ވަނަ ދުވަހު ތިނަދޫގައެވެ.
ޝައިހް އާސިމަކީ ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ އިލްމުވެރިއެކެވެ. ހުދާ ޓީވީ، ޕީސް ޓީވީ އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި އާސިމަކީ ފާހަގަކޮށްލެވޭ އިލްމުވެރިއެކެވެ.