މަހުގައި ޓެގް އެޅުވުމަކީ ކަޅުބިލަމަހާ ކަންނެލީގެ އާބާދީ ބެލެހެއްޓުމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް ސައިންސުވެރިން ބުނެފިއެވެ.
ފާއިތުވި ހަތް ހަފްތާއަށް ބަލާއިރު ސެންޓްރަލް ޕެސިފިކް ސަރަޚައްދުގައި 6 ހާހަށްވުރެ ގިނަ މަހުގައި ވަނީ ޓެގް އެޅުވާފައެވެ. މިއީ އެސަރަހައްދުގައި ދިރިއުޅޭ ކަޅުބިލަމަހާއި ކަންނެލީގެ އާބާދީ ބެލެހެއްޓުމަށް ލިބިގެންދާނެ ފަސޭހައެއްކަމަށް ސައިންސްވެރިން ބުނެއެވެ.
ކަޅުބިލަމަހުގެ އާބާދީ ބަލަހައްޓާ ދިރާސާކުރާ ފަރާތެއްކަމަށްވާ ދި ޕެސިފިކް ކޮމިއުނިޓީސް (އެސް.ޕީ.ސީ)ގެ މަސްވެރިކަމުގެ ސައިންޓިސްޓް ޑރ.ސިމޮން ނިކޯލް ވިދާޅުވީ، ވެސްޓަރން އަދި ސެންޓްރަލް ޕެސިފިކްގެ ކަނޑުތަކަކީ މުޅި ދުނިޔޭގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަޅުބިލަމަސް އާލާވާ ސަރަހައްދުތެކެއްކަމަށެވެ. އަދި ލޯބޮޑު ކަންނެލީގައި ޓެގް ނާޅުވައިފިނަމަ، އޭގެ އާބާދީ ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމަށް އުނދަގޫތަކެއް ކުރިމަތިވާނެކަމަށާއި، އަދި ކަޅުބިލަމަސް އާލާވާ މިންވަރުވެސް ދެނެގަތުމަށް އުނދަގޫވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި ހަ ބިލިއަނަށްވުރެ ގިނަ ޔޫ.އެސް ޑޮލަރު ވެސްޓަރން އަދި ސެންޓްރަލް ސަރަޚައްދުން ބާނާ އަލްބަކޯރ ކަޅުބިލަމަހާއި ކަންނެލި އަދި ލޯބޮޑު ކަޅުބިލަމަހާއި ކަޅުބިލަމަހުގެ މަސްވެރިކަމުން ނަފާވާކަމަށް ރިޕޯޓްތައް ދައްކައެވެ.