ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީމިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.
މީގެކުރިން ސަރުކާރުން ވަނީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.
ރައީސް ވިދާޅުވީމއެ ހޮސްޕިޓަލުގެ އިތުރުން މާލޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާކަމަށެވެ.
"ބޭރުގެ ލޯނުން މިކަން ކުރުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް އަދިވެސް އެ ޕްރޮސީޖަރ ދިގުކަމުން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް ފެށޭގޮތް ނުވެ ލަސްވަމުން ދާތީ އަދި މި މައްސަލައަކީ ރާއްޖޭގައި އިތުރު އެހީތެރިކަމެއް ބޭނުންވާ ބޮޑު މައްސަލައަކަށް ވެފައިވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ/ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ. އެކަމަކު އޭގެ މާނައެއް ނޫން ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން އެކަން ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކައެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖަނަވަރީން ފެށިގެން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށެވެ.