ހެކި ނެތި "ޒިނޭގެ" ތުހުމަތުކުރުމަކީ ރައީސްގެ ކަރާމާތާއި އާއިލާއާއި މަގާމަށް ދިން ހަމަލާއެއް: އިހްސާން

big_xmXhIFpi8pav37ezHACoCTWW2

އެއްވެސް ހެއްކެއް ނެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް "ޒިނޭ"ގެ ތުހުމަތުކުރުމަކީ ނޫސްވެރިކަންކުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެއީ ރައީސަށް ދެއްވި ސީދާ ހަމަލާއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްވެސް ހެއްކެއް ނެތި ތުހުމަތުތަކެއްކޮށް އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓަރީ މައްސަލަ ފުލުހުން ބަލަމުން ދިއުމާއި ގުޅިގެންނެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ މައްޗަށް ގަޒުފުގެ ތުހުމަތުކޮށް އަދަދުން ހަދާފައިވާ ޑޮކިއުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށް، ވިދާޅުވެފައެވެ. އަދި މިކަމުގައި ދައުވާކުރުމަށް ފިޔަވަޅު އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

އެއާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ޑޮކިއުމެންޓަރީ ތައްޔާރު އަދަދު ނޫހުގެ އޮފީސް ރޭގެ ވަގުތެއްގައި ބަލައިފާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިނިސްޓަރު އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮގު ތުހުމަތުތަކެއް ފެތުރި ނޫސް އިދާރާއެއްގެ މައި އޮފީސް ފާސްކުކޮށް ޖިނާއީ ކަމެއްގެ ގޮތުގައި ތަހުގީގު ކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ފުރިހަމަ  ހައްގެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭއިރު، މިއީ އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައިވާ މިނިވަންކަމެއް ނޫންކަމަށާއި ވަކި ހުދޫދެއް ނެތި، މީހެއްގެ އިއްޒަތާއި އަބުރަށް އުނިކަން އަންނަ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ހެއްކެއް ނެތި، ރައީސަށް ޒިނޭގެ ތުހުމަތުކުރުމަކީ ނޫސްވެރިކަން ގަބޫލެއް ނުކުރަން، އެކަމަކީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި އާއިލާއަށާއި އަދި އެމަނިކުފާނު ފުރުއްވާ މަގާމުގެ ހައިބަތަށް ދެވޭ ސީދާ ހަމަލާއެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ފިތުނަ ފަސާދަ އުފެދުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރާއްވައި މިނިސްޓަރު ވިދާޅުވީ، ޑިމޮކްރެޓިކް ކޮންމެ ގައުމެއްގައިވެސް އަބުރު ކަތިލުމާއި ދޮގު މައުލޫމާތު ފެތުރުން ފަދަ ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަދަދުގެ އޮފީސް ބަލައިފާސްކުރުމަކީ، ނޫސްވެރިކަމަށް ދޭ ހަމަލާއެއް ނޫން ކަމަށާއިއެއީ އާންމު ރައްޔިތެއް ނުވަތަ މިހާލަތުގައި ގައުމުގެ އެންމެ މަތީ ވެރިޔާގެ އަބުރު ރައްކާތެރިކުރުމަށް ގާނޫނުއަސާސީން ލާޒިމްކުރާ ކަންކަން ތަންފީޒު ކުރުން ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ