ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނީ ސައީދު

Screenshot 2026-04-29 at 17.49.27

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސަރުކާރު ތަމްސީލުކުރާ ޕާޓީ ޕީއެންސީގެ ފަރާތުން ވާދަކުރާނީ އަހުމަދު ސައީދު (ސޮޑާ) ކަމުގައި އެ ޕާޓީން އިއުލާނުކޮށްފިއެވެ.

މި ގޮނޑި ކުރިން ތަމްސީލު ކުރެއްވީ ޕީއެންސީގެ ފަރާތުން މުހައްމަދު ސިނާނެވެ. އޭނާއަށް ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނެއް ނުދެއްކުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މިމަހުގެ 12ވަނަ ދުވަހުއެވެ.

ގޮނޑި ދިފާއު ކުރުމަށް މީގެކުރިން ނިންމައި އޭނާ ވަނީ ޕީއެންސީގެ ޕްރައިމަރީގައި ސޮޑާއާ ވާދަކޮށް ޕްރައިމަރީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް، މިއަދު ނެރުނު ބަޔާނެއްގައި ސިނާން ބުނީ، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމާފައި ވާކަމަށެވެ.

އެ ބަޔާނުގައި ވަނީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕީއެންސީއަށް ކާމިޔާބުވާން އެންމެ ފަހި ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުސަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމާފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން މިއަދު ޕީއެންސިން ބޭއްވި ނޫސްވެރިމްގެ ބައްދަލުވުމެއްގައި ޕާޓިގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، އެ ޓިކެޓު ސޮޑާއަށް ދިނުމަށް ނިންމާފައި ވާކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ