މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީގެ މަގާމަށް އައްޔަނު ކޮށްފައިވާ އަލީ އިހުސާނަށް ރަައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ތާއިދުކޮށް ވޯޓު ދެއްވުމުން އެނގެނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ތާއިދުކުރާކަން ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސް މުއިއްޒު އަލުން އެކުލަވާލި ކެބިނެޓަށް ރުހުން ދިނުން ކުރިއަށް ގެންގޮސްފައެވެ.
ވަޒީރުންގެ ތެރެއިން އިހުސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ރުހުން ނުދިނުމަށް ވޯޓު ދިނީ އެމްޑީޕީގެ މީކާއީލާއި ފިއްޓެއެވެ.
އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުން
- ހަނިމާދޫ ދާއިރާގެ މެމްބަރު، އަބްދުލް ޣަފޫރު މޫސާ
- ހުޅުމާލޭ ދެކުނު މެމްބަރު، ޑރ. އަހުމަދު ޝަމްހީދު
- ގަލޮޅު އުތުރު މެމްބަރު، މުހައްމަދު އިބްރާހިމް،
- ކެންދޫ މެމްބަރު، މައުރޫފް ޒާކިރު،
- މާވަށު މެމްބަރު، އަހުމަދު ޝާކިރު،
- ކެޔޮދޫ މެމްބަރު، މުހައްމަދު ނިއުޝާދު
- މަރަދޫ މެމްބަރު، އަހުމަދު ދީދީ
އެކަމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އިހުސާނަށް އެމްޑީޕީން ތާއިދުކޮށް ވޯޓު ދެއްވުމުން ދިވެހިންގެ މުއައްސަސާ ހަރުދަނާކޮށް އެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައި ދެއްވުމަށާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަށް އިދިކޮޅު ތާއިދު އޮތްކަން ހާމަވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިފަދަ ހެޔޮ ވިސްނުން އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ ވިސްނުންފުޅަށް އައުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއް." ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި އެފަދަ ކޮލީޓީ ހުންނަންވާނެ ކަމަށެވެ.