ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމަށް އަނެއްކާ ވެސް މުހައްމަދު ނިޒާރު އައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސް އޮފީހުންނެވެ. ނިޒާރަކީ މީގެކުރިން ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ.
ނިޒާރަކީ ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ ފަރާތެކެވެ. މިއީ ޕީސީބީގެ ރައީސްކަމަށް ނިޒާރު ޢައްޔަންކުރެއްވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ވެސް އޭނާ ހުންނެވީ އެ ބޯޑުގެ ރައީސްގެ މަގާމުގައެވެ.
މީގެ އިތުރުން، އޭނާ ވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އިސް މަޤާމުތަކުގައި، 14 އަހަރު ޚިދުމަތްކުރައްވާފައެވެ.
ނިޒާރު މި މަގާމަށް އައްޔަންކުރެއްވީ ޕީސީބީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު އަނަސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިރޭ ޕީސީބީން ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އަނަސް އައްޔަން ކޮށްފައެވެ.