މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭދީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް ދިއުމަށްކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. މިކަމަށް ވެސް އޭނާގެ ފަރާތުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ފާހަގަކޮށް އެމްއޭސީއެލްއިން ވަނީ އޭނާގެ ޚިދުމަތަށް ޝުކުރު އަދާކޮށްފައެވެ.
އެމްއޭސީއެލްއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުންޏަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކާމިޔާބީއަށް އެދިފައި ވެއެވެ.
ލައްމާން މި މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވާނީ މުޖުތަބާ ލަތީފް އެކަންޏެވެ.