ލޭބާ ރިލޭޝަންސް އޮތޯރިޓީގައި ފުނި ޖެހިފައި ހުރި ހުރިހާ ޝަކުވާއަކާއި މައްސަލަތަކެއް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލުތަކެއް ގެނެސްދެއްވާނެކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މަސައްކަތްތެރިންގެ ދުވަހުގައި ހޯމްލޭންޑް މިނިސްޓްރީން އިސްނަގައިގެން މިއަދު ކުރިއަށްގެންދިޔަ ހިނގާލުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދިޔައީ މަސައްކަތްތެރިންނާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެވޭ ދުވަހެއްގެ ގޮތުގައިކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން މިއަދު އިސްނަގައިގެން މަސައްކަތްތެރިންނާއެކު ޙައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމަށާއި އެގޮތުން ސަރުކާރު ހަވާލުވީއިރުވެސް ލޭބާާ ރިލޭޝަންސް އޮތޯރިޓީއަށް މަސައްކަތްތެރިންގެ ފަރާތުން އަދި ވަޒީފާދޭ ފަރާތުން ހުށައަޅާފައިވާ މައްސަލަތައް ފުނިޖެހިފައިވާކަމަށާއި އެ މައްސަލަތައް އަމާނާތްތެރިކަމާއެކު ބަލާ އަދުލުވެރި ހައްލެއް ގެނެސްދެއްވާނެކަމަށެވެ.
"ސަރުކާރު ހަވާލުވީއިރުވެސް، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ފުނިޖެހިފަ ހުރި ބައިވަރު މައްސަލަތައް މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ހުށައަޅާފައިވާ މައްސަލަތައް އެބަހުރި. އެމައްސަލަތައް އަމާނާތްތެރިކަމާއެކު އަދުލުވެރި ހައްލެއް ގެނެސްދޭނަން. އަމާން ރައްކާތެރި އަދި އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤައިމުކުރެވިފައިވަކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒު." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރު ވެގެންދާނީ މަސައްކަތްތެރިންގެ ޙައްގުތައް ކަށަވަރުކުރުމަށް، މަސައްކަތްތެރިންނާ ގުޅުންހުރި މުހިއްމު ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރެވޭ އަހަރެއްގެ ގޮތުގައިކަމަށެވެ.
އެގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި، އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތުގެ ޤާނޫނު ފުރިހަމައަށް ރާއްޖޭގައި ތަންފީޒު ވެގެންދާ އަހަރަށް މިއަހަރުވެގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހި އިޤްތިޞާދުގެ މައި ބަދަކަމަށެވެ.