އެމްއޭސީއެލްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ބުރަސްފަތި ދުވަހު އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފި އެވެ.
ޑެޕިޔުޓީ ސީއީއޯގެ އިތުރުން އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ވެސް ލަމްއާން ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.
އެމްޕީއެލްގެ ބޯޑަށް ލަމްއާން އައްޔަނުކުރިއިރު، އެ ބޯޑުގައި އިންނެވި އިބްރާހިމް ޒިޔަތު ވަނީ ބޯޑުން ވަކިކޮށްފަ އެވެ.
ލަމްއާން ވަނީ ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަގާމުތަކެއްވެސް މީގެ ކުރިން ފުރުއްވައިފައެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވިއެވެ. އަދި ފެނަކައިގެ އެމްޑީކަންވެސް އޭނާ ކުރެއްވިއެވެ.
ލަމްއާން ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.