މަސްވެރިކަމާއި ގުޅޭ

big_wKFj4XlaltSQahV61ECtnX1Ti

ގާފަރާއި މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓުގެ މަސައްކަތް 4 މަސްތެރޭ ނިންމަނީ

ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމްކުރާ އައިސްޕްލާންޓްގެ މަސައްކަތް ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެގްރިކަލްޗަރ ޒަޙާ ވަހީދު ވިދާޅުވީ އެ ދެރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުގެ މަސައްކަތް ޕްލޭންކޮށްފައިވާގޮތަށް ކުރިއަށް ގެންދެވުނު ނަމަ މިއަހަރުގެ މެއި މަހު އެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން ކ.ގާފަރާއި ރ.މަޑުއްވަރީގައި ޤާއިމުކުރާ ސޯލްޓް ވޯޓަރ އައިސްޕްލާންޓްގެ މަސައްކަތް ބީލަމުގެ އުސޫލުން ޙަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތް ޕްލޭނާ އެއްގޮތަށް އެ ކުންފުނިން ކުރިއަށް ގެންގޮސްފައި ނުވާތީ މިހާރު އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުންވެސް ބާޠިލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް މިހާރު މިފްކޯ އާއި ހަވާލުކޮށްފައިވާއިރު، މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މި ދެރަށުގެ އިތުރުން ސަޢުދީ ސަރުކާރުގެ އެހީގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މިނިސްޓަރ ވިދާޅުވީ ފ.ފީއަލީގައި ސަރުކާރުން މިހާރު ޤާއިމްކުރަމުންދާ އައިސްޕްލާންޓުގެ މަސައްކަތްވެސް ހަލުވި ކަމާއެކު ކުރަމުންދާ ކަމަށެވެ. ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން މެދު ރާއްޖެތެރެއާއި އުތުރުގެ މަސްވެރިންނަށް، ބޭނުންވާ އައިސް ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ބާނާ މަސް ކިރުވުމުގައި ދަތިތައް ދިމާވުމާއި ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަކީ މަސްވެރިންގެ ފަރާތުން އާންމުކޮށް ލިބެމުންދާ ޝަކުވާއެކެވެ. މަސްވެރިންގެ މި ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!