ވަކި ފަރާތަކަށް ނުޖެހި އަހުލާގީ މިންގަނޑުގެ ތެރެއިން ނޫސްވެރިކަން ކުރުން މުހިންމު: ރައީސް

big_jr16G0fKn1IvR3kVYyZztyf4K

ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ މިންގަނޑުގެ ތެރެއިން، ލިބިފައިވާ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވާހައި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު މައުލޫމާތު ލިބިގަތުމުގެ ހައްޤާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް ވަކި ފަރުދުންނާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ފާހަގަކޮށް ބަލައިގަންނަ ކަމަށެވެ.

ސަރުކާރުން އަބަދުވެސް މިނިވަން މީޑިއާއަކަށް، އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން މީޑިއާއެއް، ދިމިޤްރާތީ ވެރިކަމެއް ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ނުހަނު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަން ކުރުމަށް އޮތް މާހަލު ތަނަވަސްކޮށްދިނުމުގެ ސަރުކާރުން މަސައްކަތް ކުރަމުންއަންނަކަމަށެވެ. އެގޮތުން މީޑިއާތަކަށް އިންވެސްޓްކޮށް މައުލޫމާތު ހޯދުމުގައި ހުރި ގޮންޖެހުންތައް ނައްތާލައި، މިނިވަން އާންމު ބަހުސްތަކަށް ސަރުކާރުން ޖާގަދޭ ކަމަށެވެ. މިއީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއެކު، ހާމަކަން ބޮޑުކުރުމާއި ޖާވަބުދާރީ ކުރަނިވި މާހައުލެއް ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ހިއްވަރަށް ތައުރީފްކުރައްވާފައެވެ. އަދި އާންމު މަސްލަހަތު ހިމާޔަތްކުރުމުގައި މީޑިއާ އަދާކުރާ ދައުރު އެކަމަނިކުފާނު ފާހަކުރެއްވިއެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ ނޫސްވެރިން ވަކި ފަރާތަކަށް ނުޖެހި، އަޚްލާޤީ މިންގަނޑުގެ ތެރެއިން ޒިންމާދާރުކަމާއެކު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފުމަށް ގޮވާލައްވަމުންނެވެ. އަދި ރައްޔިތުންނަށް ސައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ