މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާ އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރާއިރު ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 108 ކަމަށާއި އެ ދަރަޖަ މަތިކުރަން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެމްއެމްބީސީން ބުނީ މީޑިއާތަކަކީ މާލީ ގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެ ކޮމިޝަންގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއޮ ނޫސްވެރިންގެ ރައްކާތެރިކަމާއި، ބޭނުންވާ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީވެސް ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.
އެމްއެމްބީސީ ވަނީ މައުލޫމާތު ފެތުރުމުގައި، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑާއި އެއްގޮތްވާގޮތުގެމަތިން އަމަލުކުރުމަށް މީޑިއާތަކަށް ހަނދާންކޮށްދީފައެވެ.
އެމްއެމްބީސީން ބުނީ ނޫސްވެރިންނާއި މީޑިއާގެ މަސައްކަތުގައި ދިމާވާ ކޮންމެ ގޮންޖެހުމެއް ކަނޑައްތުކުރުމުގައްޔާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި، ނޫސްވެރިންނާއި މީޑިއާތަކާއިއެކު އެ ކޮމިޝަނުން އަބަދުވެސް ވާނެ ކަމަށެވެ.