ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އިއްޔެ މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރިއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މުޙައްމަދު ޝަހީރުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާއާއި، ޕެން ޑްރައިވްގެ އިތުރުން އެހެނިހެން ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.