އެމެރިކާގެ އަސްކަރީ ބާރުތަކުން ހިފެހެއްޓި އިރާނުގެ ކޮންޓެއިނަރު އުޅަނދު 'އެމްވީ ތޫސްކާ' ގެ ފަޅުވެރިން ޕާކިސްތާނަށް ބަދަލުކޮށް، އޭގެ ތެރެއިން ބައެއް މީހުން އިރާނަށް އަނބުރާ ފޮނުވާލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިންނެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އިތުބާރު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ހިފެހެއްޓިފައިވާ 'އެމްވީ ތޫސްކާ' އުޅަނދުގެ 22 ފަޅުވެރިން ޕާކިސްތާނަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ފަޅުވެރިން ޕާކިސްތާނަށް ގެންގޮސްފައިވަނީ އާދިއްތަ ދުވަހުގެ ރޭގައެވެ.
އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގާތް ގުޅުމެއް އޮންނަ ފާރސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަޅުވެރިންގެ ތެރެއިން 15 މީހުން ވަނީ އިރާނަށް އަނބުރާ އާދެވިފައެވެ. މީގެ އިތުރުން، މިދިޔަ ހަފްތާގައި 6 މީހުން ވަނީ ސަރަހައްދީ އެހެން ގައުމަކަށް ބަދަލުކޮށްފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވެފައިވަނީ، 'އެމްވީ ތޫސްކާ' ގެ 22 ފަޅުވެރިން ޕާކިސްތާނަށް ބަދަލުކުރުމުގެ މަސައްކަތް އެމެރިކާގެ ބާރުތަކުން ނިންމާލާފައިވާ ކަމަށެވެ.
މި އުޅަނދު ހިފެހެއްޓީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު، އިރާނުގެ ޗަބަހާރު ބަނދަރު ކައިރިން، އޮމާން ކަނޑުގައެވެ. އެމެރިކާއިން އިރާނުގެ ބަނދަރުތައް ބަންދުކުރުމަށް ދީފައިވާ އަމުރާއި ހިލާފުވެ، ހަ ގަޑިއިރަށްވުރެ ގިނައިރު ވަންދެން ދިން އިންޒާރުތަކަށް އުޅަނދުގެ ފަޅުވެރިން ތަބާނުވުމުން ކަމަށް ސެންޓްކޮމް އިން ބުނެއެވެ. އިރާނުން ވަނީ މިކަން ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށް، އުޅަނދާއި ފަޅުވެރިން އަވަހަށް ދޫކޮށްލުމަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ، 'އެމްވީ ތޫސްކާ' އުޅަނދު މަރާމާތުކުރުމަށްފަހު، އޭގެ އަސްލު ވެރިފަރާތަށް އަނބުރާ ދިނުމަށްޓަކައި ޕާކިސްތާނުގެ ސަރަހައްދީ ކަނޑަށް ގެންދާނެ ކަމަށެވެ. މިކަންކަން ހަމަޖައްސަމުންދަނީ އިރާނާއި އެމެރިކާގެ އެހީތެރިކަމާއެކުގައެވެ. ޕާކިސްތާނުން މިފަދަ އިތުބާރު ބިނާކުރުމުގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށާއި، ސަރަހައްދީ ސުލްހަ އާއި ސަލާމަތަށް މަސައްކަތްކުރުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމަސީއަށް އެހީތެރިވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮރްމުޒް ކަނޑުއޮޅީގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިރާނުގެ އަސްކަރިއްޔާއިން ހޮރްމުޒް ކަނޑުއޮޅިއަށް އެމެރިކާގެ ބާރުތައް ވަނުމަށް މަސައްކަތްކުރާނަމަ ހަމަލާދޭނެ ކަމަށް އިންޒާރު ދީފައިވެއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުތައް ސަލާމަތް ކުރުމަށް ކަމަށްބުނެ "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ކަނޑުގެ މިޝަނެއް އިޢުލާނުކުރެއްވުމާ ގުޅިގެން ރައްދުގައި އިރާނުން ދީފައިވާ އިންޒާރެކެވެ.