ކްރޫޒް ލައިނަރެއްގައި ހަންޓާވައިރަސް ފެތުރި ތިން މީހުން މަރުވެއްޖެ

94772d01-bbc7-40a7-9efd-3d7c490ee408

އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ ކްރޫޒް ލައިނަރެއްގައި ނުރައްކާތެރި "ހަންޓާވައިރަސް" ފެތުރި، ތިން ފަސިންޖަރަކު މަރުވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ދެކުނު އެފްރިކާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ބަލިމަޑުކަން ފެތުރިފައިވަނީ އާޖެންޓީނާއިން ފުރައިގެން ކޭޕް ވާޑޭއަށް ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ނަމަކަށް ކިޔާ ބޯޓެއްގައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ނެދަލޭންޑްސްއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިއަކާއި، އަދި ކާކުކަން ދެނެގަނެވިފައިނުވާ ތިންވަނަ މީހެކެވެ. މަރުވި ދެމަފިރިންގެ ތެރެއިން ފިރިމީހާ މަރުވީ ސެއިންޓް ހެލީނާ ޖަޒީރާގައެވެ. އަދި އޭނާގެ އަންހެނުން މަރުވީ ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ އުމުރުން 69 އަހަރުގެ ފިރިހެނަކަށްވެސް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭނާއަށް މިހާރު ދަނީ ޖޮހަނަސްބާގްގެ ޕްރައިވެޓް ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ބޯޓުގެ ފަޅުވެރިންގެ ތެރެއިން ދެ މީހަކަށްވެސް ބަލީގެ އަލާމާތްތައް ފެނިގެން އަވަސް ފަރުވާއަށް ބޭނުންވެފައިވާ ކަމަށް ބޯޓު އޮޕަރޭޓްކުރާ ކުންފުނިން ބުނެއެވެ.

ހަންޓާވައިރަހަކީ އާންމުކޮށް މީދަލާއި އެފަދަ ޖަނަވާރުގެ ކުޑަކަމުދާ އެއްޗިއްސާއި ނަޖިހުގެ ޒަރީއާއިން އިންސާނުންގެ ގަޔަށް އަރާ ވައިރަހެކެވެ. މި ވައިރަހުގެ ސަބަބުން ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. މިއީ އާންމުކޮށް އިންސާނުންގެ މެދުގައި ފެތުރޭ ބައްޔެއް ނޫން ނަމަވެސް، މަދު ހާލަތްތަކެއްގައި އެކަކު އަނެކަކުގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު އޮންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

"މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަލީގެ ކުރީކޮޅު ފަރުވާ ހޯދުމަކީ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ." - ޑަބްލިއުއެޗްއޯ

އެމްވީ ހޮންޑިއަސް ބޯޓު މިހާރު އޮތީ ކޭޕް ވާޑޭގެ ވެރިރަށް ޕްރައިއާގެ ބޭރުގައެވެ. ނަމަވެސް، ބަލީގެ އަލާމާތްތައް ހުރި މީހުން ބޯޓުން ބޭލުމުގެ ހުއްދަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަދި ދީފައެއް ނުވެއެވެ. ނެދަލޭންޑްސްގެ ސަރުކާރުން ދަނީ ބަލިވެފައިވާ މީހުންނާއި މަރުވި މީހުންގެ ހަށިގަނޑު އެނބުރި ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ.

މި ބޯޓަކީ ގާތްގަނޑަކަށް 170 ފަސިންޖަރުންނާއި 70 ފަޅުވެރިންނާއެކު ދަތުރުކުރާ ބޯޓެކެވެ. ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ބޯޓުގައި ތިބި އެހެން މީހުންގެ ސިއްހީ ހާލަތު ބަލައި، ބަލި ފެތުރުނު ގޮތް ދެނެގަތުމަށްޓަކައި ތަހުގީގުތައް ދަނީ ކުރިއަށެވެ. އިނގިރޭސިވިލާތުގެ ފޮރިން އޮފީހުންވެސް ދަނީ މި ހާދިސާ ވަރަށް ގާތުން ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ