ރާއްޖޭގެ މި އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން މިއަދު ސައުދީއަށް ފުރައިފިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާނީ ރާއްޖޭގެ ހައްޖު މިޝަންއިންނެވެ.
ދިވެހި ހާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާ މިނިސްޓްރީ އަދި ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ހައްޖު މިޝަންއިން ކުރާނެއެވެ. ހައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ވާއިމުކުރާ ދިވެހި ހައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިއަކަށް ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސްއެވެ.
ރާއްޖެއިން ހައްޖަށްދާ ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލާ ހައްޖު މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި، ހައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ އިލްމުވެރިން އަދި ޕަބްލިކް ސާވިސް މީޑިއާއާއިގެ ބޭފުޅެއް މިޝަންގައި ހިމެނެއެވެ.
ދިވެހި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުއެވެ. ޙައްޖުވެރިންނާއި ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިހާރު ފުރިހަމަކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.