މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ރިޕޯޓުން ދައްކައިފިއެވެ.
ހުސްވި 2025 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 36,538 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2024ވަނަ އަހަރާއި އަޅާބަލާއިރު %92 އިތުރު އަދަދެކެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ.
ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ %158 ނުވަތަ 35,181.5 މެޓްރިކް ޓަނަށް އިތުރުވެފައެވެ.
މީގެ އިތުރުން، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު ވަނީ %7 އިތުރުވެފައެވެ. އެއީ 553.7 މެޓްރިކް ޓަނުގެ މަހެވެ.
ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ %9 އިތުރުވެފައެވެ. އެއީ 510.8 މެޓްރިކް ޓަނުގެ މަހެވެ. އަދި ހިއްކި މަސް ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަނީ %32 އިތުރުވެފައެވެ. އެއީ 364.5 މެޓްރިކް ޓަނުގެ މަހެވެ.