މިފްކޯގެ މަހުގެ އުފެއްދުންތައް ސްރިލަންކާގައި ތަޢާރަފްކޮށްފިއެވެ.
މިތަކެތި އިފްތިތާޙްކުުރުމަށްޓަކައި ސްރީލަންކާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ މަހުގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ސްރީލަންކާއަށް ރަސްމީކޮށް މިފްކޯގެ މަހުގެ ބާވަތްތައް ތަޢާރަފްކުރުމުގެ ކުރިންވެސް ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި މަހުގެ އުފެއްދުންތަކަށް ޚާއްސަ ލޯތްބެއް ދީފައިވާކަމަށެވެ.
"މިއީ އެ ތަޞައްވުރު ޢަމަލީ ގޮތުން ދައްކުވައިދޭ ވަރުގަދަ މިސާލެއް. އެއީ ސީދާ ސްރީލަންކާގެ ރައްޔިތުންނަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ލިބި ވިޔަފާރިއަށްވެސް އައު ފުރުޞަތުތަކެއް އުފެދިގެންދާނެ." މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކްޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.