ރާއްޖެއަކީ ދެމެހެއްޓެނިވި އިންވެސްޓްމެންޓުތަކަށް ހުޅުވާލެވިފައިވާ ގައުމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި ފަދައިން ވިދާޅުވީ، ސްރީލަންކާއަށް މިހާރުކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން 40 އަހަރުވެފައިވާ ފޮރިން އިންވެސްޓްމެންޓް ޤާނޫނަށާއި، އަދި ރާއްޖޭގައި އިންވެސްޓްކުރުމުގެ ގަވާއިދު ފޮރިން އިންވެސްޓްމެންޓް ރިކުއަރމެންޓްސްއަށް އިސްލާހު ގެނައި، އިންވެސްޓް ކުރާ ފަރާތްތަކަށް ސާފު މަގެއް ކޮށައި ދިނުމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެކި ދާއިރާތަކުން އިންވެސްޓަރުންނަށް ފުރުސަތުތައް ވަނީ ހުޅުވާލެވިފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އާންމު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ. މިފޯރަމްގައި ދެގައުމުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ ބަޔަކު ބައިވެރިވިއެވެ.
މިދަތުރުފުޅުގައި ލަންކާއާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ތަރައްގީއަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި 7 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެގައުމަށް ފައިދާހުރި ގޮތްތަކަކަށް ވިޔަފާރީގެ މުއާމަލާތްތައް ބައްޓަންކުރުމަށް ދެ ގައުމުގެ ވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.