އެސްޓީއޯގެ ބަންކަރިން ހިދުމަތުން އޭޕްރިލްގެ ނިޔަލަށް 923 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

5.International Bunkering-1770876224681

އެސްޓީއޯ އިން އަލަށް ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ބަންކަރިންގެ ހިދުމަތުން 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ތެލުގެ އިތުރުން، މުޅިން އަލަށް ފެށި މަސައްކަތަކުން ލިބުނު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތަށް ބޭނުންކުރާ ތެލުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި ބާވަތުގެ ތެލެވެ. މީގެ ކުރިން މި ހިދުމަތް ރާއްޖޭގެ ސަރަހައްދުގައި ދެމުންދިޔައީ އަވަށްޓެރި ސްރީލަންކާ ފަދަ ގައުމުތަކުގެ ބޯޓުފަހަރުންނެވެ. ނަމަވެސް މިހާރު ސީދާ ދިވެހި ކުންފުންޏަކުން މި މަސައްކަތް ފަށައި، ދައުލަތަށް އޭގެ މަންފާ ލިބެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވިޔަފާރީގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތަށް ޓެކްސްއާއި އެހެނިހެން ފީގެ ގޮތުގައި 58.93 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެސްޓީއޯއިން އެންމެ ފަހުން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން، ބަންކަރިން ވިޔަފާރިއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވިއްކި ތެލުގެ މިންވަރު ވަނީ 27 އިންސައްތަ އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފަހު ކުއާޓާއަށްވުރެ އިތުރަށް 18 މިލިއަން ލީޓަރު (ގާތްގަނޑަކަށް 113,216 ފީފާ) ތެޔޮ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ ވިއްކާފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ އިތުރުން، ވިއްކި މިންވަރު އިތުރުވުމަކީ އެސްޓީއޯގެ އާމްދަނީއާއި ފައިދާ އިތުރުވުމަށް ދިމާވި މައިގަނޑު ސަބަބު ކަމަށް އެ ކުންފުނީގެ ރިޕޯޓުގައި ބުނެފައިވެއެވެ.

މި ހިދުމަތަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކަނޑުދަތުރުފަތުރުގެ ދާއިރާއިން އާމްދަނީ ހޯދުމަށް ފެށި މުހިންމު މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ