ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މިނިސްޓަރު ޝިޔާމް މަޝްވަރާކުރައްވައިފި

HHtaz6Za0AA_xaX

ރާއްޖެއިން ބޭރަށް ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ދިމާވާ ދަތިތައް ދެނެގަނެ، އެ ސިނާއަތް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙްމަދު ޝިޔާމް އެކްސްޕޯޓަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، މި ސިނާއަތުގައި ހުރި މުހިންމު ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ވިޔަފާރިވެރިންނަށް ދިމާވާ މާލީ އަދި އިދާރީ ހުރަސްތައް ނައްތާލައި، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް މި މަސައްކަތް ބައްޓަންކުރުމެވެ. މިގޮތުން، "ސައިޓީސް" މުއާހަދާގެ ދަށުން ވަކި ބާވަތްތަކެއްގެ ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތަކާއި، އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މިނިސްޓްރީން ވަނީ ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި މިކަމާ ގުޅޭ އޮޕަރޭޝަނަލް މިންގަނޑުތައް ހަރުދަނާކުރުމަށް އެކްސްޕޯޓަރުންގެ ހިޔާލު ވެސް މިނިސްޓަރު ވަނީ ހޯއްދަވާފައެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. ހުއިފިލަނޑާގެ ބާވަތްތައް ރައްކާތެރިކުރުމާއެކު، ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތަކަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ގާނޫނީ އަދި ގަވާއިދުގެ އޮނިގަނޑު އިތުރަށް ވަރުގަދަކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އެކްސްޕޯޓަރުން ވަނީ މި ސިނާއަތް ކުރިއެރުވުމަށް ހުރި ހުރަސްތައް ފާހަގަކޮށްފައެވެ. ހުއިފިލަނޑާގެ މަސްވެރިކަމަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި އާމްދަނީ ހޯދުމަށް ކުރާ މުހިންމު މަސައްކަތަކަށް ވާއިރު، މި ސިނާއަތް ހަރުދަނާ ކުރުމަކީ އިގްތިސާދީ ގޮތުން ވެސް ބޮޑު ފައިދާއެއް ކުރާނެ ކަމެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ