ގާޒާގެ އާއިލާއަކުން އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅު މަރުވެއްޖެ ކަމަށް ނިންމައި، އެއް އަހަރާއި ބައިގެ މުއްދަތަށް ހިތާމަކުރުމަށްފަހު، އޭނާ ދިރިހުރިކަމުގެ އުފާވެރި ޚަބަރު ލިބިއްޖެއެވެ. އުމުރުން 25 އަހަރުގެ އީދު ނާއިލް އަބޫ ޝާޢަރު ފެނިފައިވަނީ އިސްރާއީލުގެ އޮފަރ ޖަލުގައި ބަންދުކޮށްފައި ހުއްޓައެވެ.
އީދު ގެއްލުނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު، ގާޒާގެ މެދުތެރޭގައި އޮންނަ ނެޓްޒާރިމް ކޮރިޑޯ ކައިރިން އާއިލާއަށް އެހީތެރިވުމަށް މަސައްކަތެއް ހޯދަން އުޅެނިކޮށެވެ. އޭނާ ހޯދުމަށް އާއިލާއިން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ސިއްހީ ވުޒާރާއިން ވަނީ އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ރަސްމީ ލިޔުންތައްވެސް ދޫކޮށްފައެވެ.
އޭނާގެ ބައްޕަ، ނާއިލް އަބޫ ޝާޢަރު ކިޔައިދިން ގޮތުގައި، އޭނާ ވަނީ ގާޒާގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ މޯޗަރީތަކާއި ފިނިކުރާ ފޮށިތައް އަމިއްލަ އަތުން ހުޅުވައިގެން ދަރިފުޅުގެ ހަށިގަނޑު ފެނޭތޯ ބަލާފައެވެ. ނަމަވެސް އެއްވެސް ނިޝާނެއް ނުފެނުމުން، އާއިލާއިން ވަނީ އޭނާ މަރުވީ ކަމަށް ގަބޫލުކޮށް ހިތާމައިގެ ފޭލިގެއެއްވެސް ޖަހާފައެވެ.
އީދުގެ މަންމަ، މަހާ އަބޫ ޝާޢަރު ބުނި ގޮތުގައި، އެންމެން އޭނާ މަރުވި ކަމަށް ބުނި ނަމަވެސް، އޭނާގެ ހިތް ބުނަމުންދިޔައީ ދަރިފުޅު ދިރިހުރި ކަމަށެވެ. މި އުއްމީދު ހަގީގަތަކަށްވީ މީގެ މަހެއްހާ ދުވަސް ކުރިން ޖަލުން މިނިވަންވި މީހެއްގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެމީހާ ވަނީ އީދުއާ ޖަލުން ބައްދަލުވި ކަމަށް ބުނެފައެވެ.
މި ޚަބަރު އެންމެ ފަހުން ކަށަވަރުވީ މިދިޔަ ހޯމަ ދުވަހު ވަކީލަކު ގުޅައި، އީދު އިސްރާއީލުގެ އޮފަރ ޖަލުގައި ހުރިކަން އެންގުމުންނެވެ. މި ޚަބަރާއެކު މުޅި އާއިލާއަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ. ގާޒާގައި ހުރި އެމީހުންގެ ވަގުތީ ހިޔާވަހިކަމުގައި މިހާރު ދަނީ މި އުފާވެރިކަން ފާހަގަކުރުމަށް ފޮނިކާތަކެތި ބަހަމުންނެވެ.
ފަލަސްތީނުގެ ގެއްލިފައިވާ މީހުންނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު ނަދާ ނަބީލް ވިދާޅުވި ގޮތުގައި، އީދުގެ ހާދިސާއަކީ ގާޒާގައި ހިނގަމުންދާ ބޮޑު މައްސަލައެއްގެ ކުޑަ މިންވަރެކެވެ. އަންދާޒާ ކުރެވޭ ގޮތުގައި 7،000 އާއި 8,000 އާ ދެމެދުގެ އަދަދަކަށް ފަލަސްތީނު މީހުން ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 1،500 މީހުން އިސްރާއީލުގެ ޖަލުތަކުގައި އެއްވެސް މައުލޫމާތެއް ހާމަކުރުމެއް ނެތި ބަންދުކޮށްފައިވާ ކަމަށް ބެލެވެއެވެ.
"އިސްރާއީލުން ގަސްދުގައި މި މައުލޫމާތުތައް ސިއްރު ކުރަނީ ފަލަސްތީނުގެ އާއިލާތަކަށް ނަފްސާނީ ގޮތުން އަނިޔާކޮށް، އެމީހުން ތަހައްމަލު ކުރާ ހިތާމަ އިތުރު ކުރުމަށެވެ،" ނަދާ ނަބީލް ވިދާޅުވިއެވެ.
އީދުގެ މަންމަ ބުނީ ދަރިފުޅު ދިރިހުރިކަން އެނގުމުން އުފާވި ނަމަވެސް، ޖަލުގައި އޭނާއަށް ކުރާނެ އަނިޔާތަކާ މެދު މިހާރު ބިރުގަންނަ ކަމަށެވެ. އޭނާގެ އުފާވެރިކަން ފުރިހަމަވާނީ ދަރިފުޅު ސަލާމަތުން ގެއަށް އައިސް، އޭނާގެ އަތުގެ ތެރެއަށް ލެވުމުން ކަމަށްވެސް އޭނާ ބުންޏެވެ.