މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ. މި ތާރީހީ އަމުރު ނެރެފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ "ގުންޒަރު" ނަމަކަށް ކިޔާ ގެއެއް ބަންދުކުރުމަށެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ 2026 މެއި 5 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ތަން ބަންދުކޮށްފައި ބެހެއްޓުމަށެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމަށް މަގުފަހިކޮށްދޭ ތަންތަނާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ފެށި މަސައްކަތުގެ ތެރެއިން ކޯޓަކުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކޮށްފައިވަނީ 2026 މާރިޗު 7 ގައެވެ.
މި އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. މީގެ އިތުރުން، އެފަދަ ޚިދުމަތެއް ދޭ ތަނެއްކަން އެނގިހުރެ އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މުއްދަތުގައި، އެ ތަނަށް ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
މި ފިޔަވަޅަކީ މާލޭގައި ފުޅާވަމުންދާ މަސްތުވާތަކެތީގެ ހާލިތައް ނައްތާލުމަށް ސަރުކާރާއި ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.