މަސްވެރިކަމާއި ގުޅޭ

mas

މަހުގެ އަގެއްނެތް! ތ. އަތޮޅުގައި މަސްކިލޯއެއް އެންމެ 5ރ އަށް!!

މަހުގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

ތ. އަތޮޅުގެ މަސް ކައްކާހިއްކާ ފަރާތްތަކުން މަސްކިލޯއެއް މިހާރު ގަންނަމުންދަނީ 5ރ ނުވަތަ 6 ރުފިޔާއަށެވެ. މިއީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އެންމެ ބޮޑަށް މަހުގެ އަގު ދަށަށް ދިޔަ ފަހަރެވެ. ތ. އަތޮޅުން އެންމެގިނައިން މަސްގަންނަނީ ހިރިލަންދުއަށެވެ.

ބާޚިރާ ދޯނި ހިރިލަންދުއަށް މަސް ކިރަނީ

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން ހިރިލަންދޫ މަސްކައްކާ ފަރާތެއްކަމަށްވާ އަބްދުލްޣަނީ ބުނީ މަހުގެ އަގު މިހާބޮޑަށް ދަށަށް ދިޔައީ މާލޭ ބާޒާރުގައި ހިކިމަހުގެ އަގުވެސް ނެތުމުން ކަމަށެވެ.

"މިހާރު މަސްވެރިކަން ވަރަށް ރަނގަޅު. ރަށު ދޯނިފަހަރުގެ އިތުރުން ބީރައްޓެހި ދޯނިފަހަރުވެސް މަސް ބާނައިގެން މިރަށަށް އާދޭ. މަސްގަންނަ ކުންފުނިތަކަށް މަސްކިރާފަ ބާކީ ހުންނަ މަސްވެސް އަޅުގަނޑުމެން އެބަ ގަންނަން. މިހަފްތާ މަހުގެ އަގު ވަރަށް ދަށް. މަސް ކިލޯއެއް އާންމުކޮށް މި ގަންނަނީ 5ރ 6ރ 7ރ އަށް. ބައެއް މީހުން އިއްޔަ 4 ރުފިޔާއަށްވެސް މަސްކިލޯއެއް ގަތް". އަބްދުލް ޣަނީ ބުންޏެވެ.

ހިރިލަންދޫގެ އިތުރުން ތ.އަތޮޅުން މަސްގަންނަ ރަށްރަށުގެތެރޭގައި އޮމަދޫ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ވިލުފުށި ހިމެއެވެ. މިރަށްރަށުގައިވެސް މަހުގެ އަގު އުޅެނީ ހިރިލަންދުއާ ދާދި އެއްވަރެއްގައެވެ.

"މަހުގެ އެއްވެސް އަގެއްނެތް. މަސްބާނާފަ މަސްކޮޅު މިޖެހެނީ ނުއަގުގަ ދޫކޮށްލަން. 5 ރުފިޔާއަށް މަސްކިލޯއެއް ވިއްކާފަ އަޅުގަނޑުމެން މަސް ކަނޑާވެސް އެބަދެން. ނަސީބެއް މަސްކައްކާ މީހުން މިއަގުވެސް ގަންނަކަން. އެހެންނޫންނަމަ ދެޓަނު ނޫނީ ތިންޓަނު ހިފައިގެން ކޮންތާކަށް ވިއްކަންދާނީ. މިއަތޮޅަށް މަސްކިރާ ބޯޓެއް އަންނަނީކީނޫން." ތ. ވޭމަންޑޫގެ މަސްވެރިޔަކު ބުންޏެވެ.

ވޭމަންޑޫ މަސްދޯންޏެއް / ފޮޓޯ: ވޭމަންޑޫ ޒުވާން މަސްވެރިން

ތ.ހިރިލަންދޫ ކެޔޮޅަކު ބުނީ މިދުވަސްވަރު މަހުގެ އަގު މިހާ ދަށަށް ދިޔައީ މަސްގަންނަ ބޯޓެއްނެތިފަ މާންދޫން މަަސްގަތުން ކޮންޓްރޯލް ކުރުމުން ކަމަށެވެ.

"މާންދޫން މަސްގަތުން ކޮންޓްރޯލް ކުރީމަ މައްސަލަޔަކީ. މިހާރު އެވްރެޖްކޮށް ދޯންޏަކުން މިބާނަނީ ދެޓަނު ނޫނީ ތިންޓަނު ނޫނީ ހަތަރު ޓަނު. މާންދޫން ކޮންޓްރޯލް ނުކޮށް އޮތްނަމަ އައިސްއަޅާ ރައްކާކޮށްގެން ދެތިން ދުވަހުގެ މަސް ހިފައިގެން މާންދުއަށް ދެވުނީސް. މާންދޫން މިނަގަނީ ދޯންޏަކުން 5 ޓަނު. ދެން އޮތީ ކޫއްޑޫ. އެއީ ވަރަށް ދުރު. ކޫއްޑުއަށް މަސްކިރަން ގޮއްސިއްޔާ ދެ ދުވަސް އެބަގެއްލ.ޭ އެހެންވެ މިހާރު ރަށަށް މިކިރަނީ". ކެޔޮޅު ބުންޏެވެ.

މިދުވަސްވަރު ތ. އަތޮޅުން ފެށިގެން އުތުރަށް މަސްވެރިކަން ވަރަަށް ރަނގަޅެވެ. ޚާއްޞަކޮށް މ.އަތޮޅު ބޭރުގައި އޮތް އޮއިވާއްޔަކުން މިދިޔަ ހަފްތާގައި ވަރަށް ގިނައިން މަސްބޭނިއެވެ. އުތުރުުގައި މަސްވެރިކަން ރަނގަޅުވެ ފެލިވަރުގައި ޖާގައިގެދަތިކަން ވަނީ ކުރިމަތިވެފައެވެ. މިއާއެކު ގިނައިސް މަސްބާނާ ދޯނިފަހަރު މަސްކިރަން ފެލިވަރަށް ނުގޮސް ކޫއްޑުއަށް ދިއުމަށް މިފްކޯއިން ވަނީ މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އޯކޭވާނެ..
    ތައްޔާރުވޭ ލޯކަލް ކައުންސިލް އިންތިޙާބުގަ ވޯޓް ދޭން...ލޮލް

  2. މަހުގެ އަގުދަށަށް ދިއުމަކީ މިހާލަތުގައި އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭނެކަމެއްނޫން. ކޮންމެވެސް ގޮތަކުން މިއޮންނަނީ ވަކިދިމަދިމާލަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ. އައިސް ނުލިބިގެން އެއްބަޔަކު ކަނޑައަޅާ ޝަރުތުފުރިހަމަވާކަށްނެތް. ދުރު ދަތުރެއްކޮށްފިއްޔާ އެތަނެއްގައި ތާށިވެފައި 2 ދުވަސް މަޑުކުރީމާ ދެން ތިބެންޖެހޭނީ މަސައްކަތް ނުކޮށް. މަހަކީކޮންމެ މޫސުމެއްގައި ލިބޭ ނުވަތަ ބޭނޭ އެއްޗެއްނޫން. މަސް ބޭނޭދުވަސްކޮޅު މިއޮންނަނީ ވަކިބަޔަކަށް އެއިގެ ފައިދާދިނުމުގައި ލިންކެއްގެތެރެއިން ރާވައި ނިއްމާފައި. މިއީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސާއިއެކު އައި ސަރުކާރު. ހިތާމަޔަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ތިބީ ކޮރަޕްޓްވެ އަދި ތިބިމީހުން. ދެން ކޮންކަމެއް ރައްޔިތުން މިދެކެނީ ރީނދޫކުލަ ޖެހޭމީހުން އެކަނި. މިއޮތީ މިޤައުމަށް ކުރިމަތިވި އާފާތެއް! އިސްލާމިކް މިނިސްޓަރަށް އެދެންވީ މިއާފާތުން މިންޖުކުރައްވާނެ ދުޢާއެއް ދޭތޯ!

Comments are closed.