"ބީއެމްއެލް ނޮން-ޑީލް ރޯޑް ޝޯ" އަކީ ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން: ޒަމީރު

Screenshot 2026-05-09 at 17.57.24

ބޭންކް އޮފް މޯލްޑިވްސްއިން ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބޭއްވި "ނޮން-ޑީލް ރޯޑްޝޯ" ބައްދަލުވުންތަކަކީ، ދައުލަތުން ދަރަންޏަށް ފައިސާ ހޯދަން ހިންގާ ހަރަކާތެއް ނޫން ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 29 އިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ބީއެމްއެލްއިން ކުރިޔަށް ގެންދިޔަ "ނޮން-ޑީލް ރޯޑްޝޯ"އަކީ، ސިލްސިލާކޮށް ބައިނަލްއަޤުވާމީ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ބައްދަލުވުންތައް ބޭއްވީ، ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.

ބީއެމްއެލްއިން ބުނީ މިއީ ބައިނަލްއަޤުވާމީ ފަންޑުތަކުން ބޭންކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ކުރަމުންދާ އިސްތިރާޖީ މަސައްކަތްތަކުގެ ތެރެއިން ހިންގި މުހިންމު ހަރަކާތެއް ކަމަށެވެ. އެގޮތުން ހޯދުމަށް ކަނޑައެޅި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

މި ބައްދަލުވުންތަކާ ސަރުކާރާ ގުޅުވައިގެން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީއެމްއެލްގެ މި ރޯޑްޝޯއަކީ އެ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމަށާއި، ރާއްޖޭގެ އިޤްތިސާދީ ތަރައްޤީގެ ކުރިއަށް އޮތް މަރުހަލާއަށް ވިޔަފާރިތަކަށާއި އެކި އިންޑަސްޓްރީތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ބޭންކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު އިސްތިރާޖީ މަސައްކަތެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ، މިއީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް ނޫން ކަމަށާއި، މިއީ ބޭންކަކީ ރާއްޖޭގެ އިޤްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއް ކަމަށްވާތީ ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، އެ ބޭންކުގެ ރައުސްމާލު އިތުރު ކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ