ރާއްޖެ މިހާރު ހިމެނިގެން ދަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޒަމާނީ ބަޔޮމެޓްރިކް ގަވަނަންސް މިންގަނޑުތައް ތަންފީޒުކުރާ ގައުމުތަކުގެ ތެރޭގައި ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބަޔޮމެޓްރިކް ރެކޯޑުތައް (ހުރިހާ އިނގިލީގެ ނިޝާނާއި މޫނު ދެނެގަންނަ ފޮޓޯތައް) ސަރުކާރުގެ ޑޭޓާބޭސްގައި ހުރީ އެންމެ 13 ޕަސަންޓު މީހުންގެ ކަމަށާއި ހަމައެކަނި އިދާރީ ގޮތުން ދިމާވެފައި އޮތް މައްސަލައެއް ނޫން ކަމަށެވެ.
މިއީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްް ކަމަށާއި ބިދޭސީންގެ އަތުގައި ލިޔެކިޔުންތައް ނެތް ހާލަތްތަކުގައި، އެމީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ ގާބިލުކަން ކަމާބެހޭ އިދާރާތަކަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދާއި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ފުޅާ ދާއިރާއެއްގެ ބިދޭސީން ރެގިއުލަރައިޒް ކުރުމާއި ބަޔޮމެޓްރިކް ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ފަށާފައިވާއިރު މިއަދު، އެ އަދަދު ވަނީ %13 އިން %98 އަށް އިތުރުކުރެވިފައި ކަމަށާއި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކުރެއްވިއެވެ.
އޮޕަރޭޝަން ކުރަނގި އާއި، މި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ގައުމީ ސަލާމަތާއި ބޯޑަރު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގާނޫނު ތަންފީޒު ކުރުމާއި އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާވެ، ލިޔެކިޔުން ނެތި އުޅޭ ފަރާތްތައް ދެނެގަތުމާއި، އައިޑެންޓިޓީ ފްރޯޑް ނުވަތަ އޮޅުވާލައިގެން ކުރާ ކަންކަން ހުއްޓުވުމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ބިދޭސީންގެ މެނޭޖްމަންޓް ނިޒާމާމެދު ބައިނަލްއަގުވާމީ ފެންވަރުގައި އޮތް އިތުބާރު ބޮޑުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
މި ކާމިޔާބީއަކީ ސަރުކާރުގެ ސިޔާސީ އަޒުމާއި، އިދާރާތަކުގެ މެދުގައި އޮތް ގުޅުން އަދި ބުރަ މަސައްކަތުން ހާސިލުކުރެވޭނެ މިންވަރު ދައްކުވައިދޭ ހެއްކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން، ރާއްޖޭގެ އާންމު ރައްކާތެރިކަމާއި ކުށްކުރުން ހުއްޓުވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖެ މިހާރު ހިމެނިގެން މިދަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޒަމާނީ ބަޔޮމެޓްރިކް ގަވަނަންސް މިންގަނޑުތައް ތަންފީޒުކުރާ ގައުމުތަކުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.