ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލުގައެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން ހަވީރު 16:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައި.
މި މަޝްވަރާގައި ބައިވެރިވުމަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ… pic.twitter.com/eJw5cFf61u
— Ministry of Economic Development,Transport & Trade (@MoEDmv) May 10, 2026
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ސްޕެޝަލް އިންސެންޓިވް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، އެކަން ތަންފީޒުކުރުމުގައި ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ. އައްޑޫ ސިޓީއަކީ މިފަދަ ޒޯނެއްގެ ގޮތުގައި ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްވަރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މިއީ އައްޑޫގެ އިގްތިސާދީ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސަރުކާރާ ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.