މަސްވެރިކަމާއި ގުޅޭ

ފަންސޫރުމަސް - ފޮޓޯ: ފްލިކްއާރް

ފަންސޫރު މަސް

މިއީ ވެންފުންނަ އާއިލާގެ މަހެކެވެ.

ނަމަވެސް ގިނަ ވެންފުންނައާއި ޚިލާފަށް މިބާވަތް އުޅެނީ ފަރުފަޅުގެ ބޭރުތޮށީގެ ގަލާއި މުރަކަތަކުގެ މާހައުލުގައެވެ. މިބާވަތް މޫދުވިނަ ހެދިފައި ހުންނަ ހިސާބުތަކުގައިވެސް އުޅެއެވެ. މިއީ ރާއްޖޭގެ މަސްވެރިން އެންހިފާއިރު އެމުގެ ތެރޭގައި މަދުމަދުންހިފޭ ބާވަތެކެވެ. މިއީ ކެއުމަށް ބޭނުންކޮށްއުޅޭ ބާވަތެއްނޫނެވެ. މަހުގެ އަގައިގައި ވަރަށް ވަރުގަދައަށް އުފެދިފައި ހުންނަ ދަތްތަކެއްހުރެއެވެ. މިދަތްތަކުން ވަރަށް ބާރަށް ދައިގަނެ ހަދައެވެ.

މިމަހުގެ މަތީ ކޮތަރިބައި މަހުގެ ކަރުތާފަތްގަނޑުގެ ފަހަތުންފެށިގެން ދިގުކޮށް މަހުގެ ނިގޫފަތާއި ވަރަށް ކައިރިއަށް ހުރެއެވެ. މަހުގެ އަރިމަތީގައި ހުދުކުލައިގެ ފުޅާ ދެ ރޮނގުހުރެއެވެ. މި ދެރޮނގު ދޭތެރޭގެ ކުލައަކީ ނޫމުށިކުލައެވެ. ކޮތަރިތަކުގެ ކުލައަކީ ފަނޑުރީނދޫ ކުލައެވެ.

މަހުގެ ބުރިކަށިމަތީ ކޮތަރިބައިގައި 10 އާއި 12 އާ ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއިއެކު 29 އާއި 33 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް ކައިހަދަނީ އެސޮރުގެ ދަތްތަކުން އެކިއެކި މަސްމަހުގައި ދައިގަނެގެންނެވެ. މިގޮތަށް ދައިގަންނައިރު ހުޅުނބުވެސް ނައްޓައިގެން ކައިހަދާކަމަށްވެއެވެ. މިމަސް އެންމެ ބޮޑުވަނީ 11 ސެންޓިމީޓަރަށެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Bluestriped fangblenny

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!