ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުތުރު ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިއުމަންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދެވެ.
އެ ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ސިއްރު ކޮށްގެން ކުރިއަށް ގެންދަން ނިންމައިފަ އެވެ.
ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދިފައިވެ އެވެ.
އެ އަމުރުގައިވާ ކަންކަން
- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުން
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން.
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުން
މަތިގައިވާ ކަންކަމުގެ ތެރެއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށްވެސް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާކުރީ "އަދަދު" އޮންލައިންގެ އެޑިޓަރުންގެ ގޮތުގައި ތިބެ ރައީސް މުއިއްޒަށް ތުހުމަތުތަކެއް ވާގޮތަށް ޑޮކިޔުމެންޓްރީ ހަދާ އެ އާންމުކޮށްފައި ވާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން އެ ދެ މީހުުން ވެސް ހިޔާރުކުރީ ހަނު ތިބުމަށެވެ.