ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމުކުރާ ބިލު މަޖިލީހަށް ހުށަހަޅައިފި

Screenshot 2026-05-11 at 09.49.09

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް، ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ފަރާތުން ޚާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހެވެ.

މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އަދި އަމިއްލަ އިދާރާގައި ހިމެނޭ އުމްރާނީ މުހިންމު ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަންކަން ކަނޑައެޅުމެވެ.

މީގެ އިތުރުން ދާހިލީ އަދި ކްރޮސް ބޯޑާ ސައިބާ ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ ސައިބާ ސެކިއުރިޓީ އިންސިޑެންޓުތައް ހުއްޓުވޭނެ އަދި އެ ފަދަ ނުރައްކާތަކާއި އިންސިޑެންޓުތަކަށް ތައްޔާރުވެ، އިޖާބަދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ކަމާބެހޭ އުސޫލުތައް ބަޔާންކުރުމަކީވެސް މި ބިލުގެ މަގުސަދެއް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

އެ ބިލްގެ ދަށުން ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް އެ އެޖެންސީގެ މަސްއޫލިއްޔަތުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗަރގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅާނެއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ސައިބާ ސެކިއުރިޓީ ސްޓެންޑަރޑްތަކާއި ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާގޮތުގެމަތިން ރާއްޖޭގެ ސައިބާ ސެކިއުރިޓީއާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައްވެސް މި ބިލުގެ ދަށުން ކަނޑައެޅޭނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ މި ޤާނޫނުގެ ދަށުން އުފައްދާ ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ.

މި އެޖެންސީގެ ބޯޑުގައި ޗެއަރޕާސަނާއި ޗީފް އެގްޒެކެޓިވްއަކާއި 3 ޑިރެކްޓަރުން ހިމެނޭހެން 5 މެންބަރުން ތިއްބަވާނެއެވެ.

ސައިބަރ ސެކިއުރިޓީގެ ވަކި ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައިވާއިރު ލައިސަންސް ނެތި ޚިދުމަތްދޭނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ދައުލަތުގެ އަދި އަމިއްލަ ދާއިރާގެ ހިމެނޭ ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗަރތަކާއި އެފަދަ ސިސްޓަމްތަކާ ގުޅިފައިވާ ނެޓްވަރކްތަކާއި ޚިދުމަތްތަކާއި އާލާތްތައް އަދި އެފަދަ ތަންތަން އޮޕަރޭޓް ކުރާ ފަރާތްތަކާއި އެފަދަ ސިސްޓަމްތަކާއި ނެޓްވަރކްތަކުގައި ރައްކާކުރެވޭނެ ނުވަތަ އެއިން ނަގާ ޑޭޓާގެ މައްޗަށް ޤާނޫނު ހިނގާނެއެވެ. ނަމަވެސް ނަމަވެސް ސަމާލީ ޚިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތަކަށް މި ޤާނޫނެއް ނުހިނގާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ