ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ބަލައިގެންފިއެވެ.
މި މަހުގެ ފަސްވަނަ ދުވަހު މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ގަރާރަށް ބަހުސްކުރުމަށް ފަހު، މަޖިލީހުން ގަރާރު ބަލައިގަތުމަށް ފާސްވީ 41 މެންބަރުންގެ ވޯޓުންނެވެ. މި ގަރާރު ބަލައިގަތުމާ ދެކޮޅަށް އަށް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
މަޖިލީހުން މި ގަރާރު ބަލައިގަތުމަށް ފާސްކުރުމާ ގުޅިގެން، ރިޔާސަތުން ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. މި ގަރާރުގެ މައިގަނޑު މަގުސަދަކީ ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކާ މެދު މެންބަރުން ދެކޭގޮތް ބެލުމާއި، އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ދައުލަތުގެ އިދާރާތަކަށް ބާރުއެޅުމެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ފިކުރު ކުރުމާއި، ހިޔާލުފާޅުކުރުމާއި، ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ މިނިވަންކަން ލިބިދީފައިވެއެވެ. ނަމަވެސް، މި ހައްގުތަކަކީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް، އަދި އެހެން މީހުންގެ އަބުރާއި ހައްގުތަކަށް އިހްތިރާމްކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ބޭނުންކުރަންޖެހޭ ހައްގުތަކެއްކަން ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 67 ވަނަ މާއްދާއާ ހަވާލާދީ ގަރާރުގައި ބުނެފައިވަނީ، ކޮންމެ މީހަކަށް ލިބޭ ހައްގުތަކާއި މިނިވަންކަމަކީ އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ވަކިނުކުރެވޭނެ ދެ އަސާސް ކަމަށެވެ. އެހެންކަމުން، އަނެކުންގެ މިނިވަންކަމަށް އިހްތިރާމްކުރުމާއި، މުޖުތަމައުގެ އެކުވެރިކަން އާލާކުރުމާއި، ގައުމުގެ ސިޔާދަތާއި އަމަންއަމާންކަން ހިފެހެއްޓުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަން ފާހަގަކޮށްފައިވެއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ހިލާފަށް ބައެއް ޕާޓީތަކުން ހަރަކާތްތައް ހިންގަމުންދާ ކަމަށް ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ހިންގާ މިފަދަ ކަންކަން ވަގުތުން ހުއްޓުވައި، އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން ގާނޫނީ ފިޔަވަޅު އެޅުމަށް މި ގަރާރު މެދުވެރިކޮށް ވަނީ ގޮވާލާފައެވެ.