ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ކާފު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަވީރު 5:30 އިން ފެށިގެން މިރޭ 10:30 އާ ހަމައަށް އެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
Alert White for strong winds of 19-24 mph with gusts of 40 mph and rough seas. pic.twitter.com/ZhN6JOpTNV
— Maldives Meteorology (@MetMaldives) May 11, 2026
ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ އަސަރެވެ. މެޓް އޮފީހުން ބުނި ގޮތުގައި ދެކުނުގެ އަތޮޅުތަކަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ހުޅަނގު މޫސުން ފެށިފައެވެ. އާންމުގޮތެއްގައި މެއި މަހުގެ ކުރީކޮޅު ރާއްޖެއަށް ހުޅަނގު މޫސުން ފެށޭއިރު، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ މޫސުން ބެހިގެންވާ ގޮތަށް ބަލާއިރު، އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ދުވަސްވަރު ކަމަށްވާތީ، އެ ދުވަސްވަރު މޫސުމަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.