އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާތީ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ސަރުކާރުން ބަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ހަފުތާގެ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް މިނިސްޓީރިއަލް ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ. މި ކޮމިޓީން މިހާރު ދަނީ ސިނާއަތުގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށް، ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލުތައް ބަލަމުންނެވެ.
"އޭރުން [ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށް، ބެލުމުން] އަޅުގަނޑުމެންނަށް އެނގޭނީ ކުރެވޭނެ ކަންކަމަކީ. އެހެންވީމާ މިނިސްޓީރިއަލް ކޮމިޓީން އެކަމަށް މިހާރު ދަނީ މަސައްކަތްކުރަމުން،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްޖީއޭއެމް) އިން މީގެ ކުރިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް، ހާއްސަކޮށް ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ. އެ ޖަމިއްޔާތަކުން ލަފާކުރާ ގޮތުގައި މި އަހަރުގެ މާޗް މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ސިނާއަތުގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ހާއްސަ ލޯނު ޕެކޭޖުތައް ތައާރަފުކުރުމާއި، ލޯނު ދެއްކުމުގައި ލުއިތަކެއް ދިނުމުގެ އިތުރުން އެއާޕޯޓް ފިއުލްގެ އަގު ކޮންޓްރޯލްކުރުން ހިމެނެއެވެ. ރައީސް ވިދާޅުވީ މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ސަރުކާރަށް ދެވޭނެ އެހީތެރިކަމެއް ކޮމިޓީގެ މަސައްކަތް ނިމުމުން ނިންމަވާނެ ކަމަށެވެ.