ރަށްރަށާއި ސިޓީތަކުގައި ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމެނުމަށްޓަކައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކަށް ގާނޫނީ ޒިންމާއެއް ހަވާލުކުރުމެވެ.
ލާމަރުކަޒީ ގާނޫނުގެ 69-1 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަންބަރުގެ ފަހަތަށް އަކުރެއް އިތުރުކޮށް، ކުނި މެނޭޖުކުރުން ހިމެނުމަށް ބިލުގައި ވަނީ ހުށަހަޅާފައެވެ. މިހާރު އެ ގާނޫނު އޮތްގޮތުން ކައުންސިލްތަކުން ދޭންޖެހޭ އަސާސީ ހިދުމަތްތަކަކީ ކަރަންޓާއި ފެނުގެ ހިދުމަތުގެ އިތުރުން ނަރުދަމާގެ ހިދުމަތެވެ.
މީގެ އިތުރުން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިދާރީ ހިންގުމަށް ބަދަލުތަކެއް ގެނައުމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ. މިހާރު އަމަލުކުރަމުންދާ ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނެވެ.
ބިލުގައިވާ ގޮތުން، މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން އެލްޖީއޭގެ އިދާރީ މުވައްޒަފުން އައްޔަންކުރާނީ އެ އޮތޯރިޓީގެ ސީއީއޯގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ. ނަމަވެސް، އެލްޖީއޭގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު އަދާކުރައްވާނީ އެ އޮތޯރިޓީގެ ސީއީއޯ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތައް ގެނައުމަށް ހުށަހަޅާފައިވަނީ އަތޮޅު ކައުންސިލްތަކުގެ އިދާރާތައް އެލްޖީއޭގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިއީ ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ގެނައި ބަދަލަކާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާތީ ގެންނަ އިދާރީ ބަދަލެކެވެ.