21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ފަށައިފި

Screenshot 2026-05-12 at 13.58.47

ރާއްޖޭގައި ބާއްވާ 21 ވަނަ އޭޝިއާ މީޑިއާ ސަމިޓް، އޭއެމްއެސް ރަސްމީކޮށް ފަށައިފިއެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓަކީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ.

މި ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ.

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ސަމިޓްގައި މުޅި ޖުމްލަ 300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، އޭގެ ތެރެއިން %80 އަކީ ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނެވެ.

އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން މައިގަނޑު 8 ޕްލިނަރީ ސެޝަނެއް ކުރިއަށްދާނެއެވެ.

މީގެ ތެރޭގައި ހައި ލެވެލް މިނިސްޓީރިއަލް ސެޝަނެއްވެސް ހިމެނެއެވެ. މި ސެޝަން ޚާއްސަކޮށްފައިވަނީ ޕަބްލިކް މީޑިއާއަށް މަގުފަހިކުރުމާއި އެކަމުގެ ސިޔާސަތުގެ މައްޗަށެވެ.

އިތުރު ސެޝަންތައް ޚާއްސަކޮށްފައިވާ މަޢުޟޫތަކުގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ މީޑީއާތަކަށް ހުރި ގޮންޖެހުންތަކާއި، ކުރިއަރަމުން އަންނަ ޑިޖިޓަލް މީޑިއާގެ ޒަމާނުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރާއި، އޭއައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން މީޑިއާ ދާއިރާގެ މުސްތަޤުބަލަށް ޒުވާނުންގެ އަޑާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ބްރޯޑްކާސްޓިންގ ދާއިރާގެ ތަޖުރިބާ ހިއްސާކުރުމާއި، ސަމިޓުގައި ބައިވެރިވާ އެކި ޤައުމުތަކުގެ މީޑިއާ އެންޑް ބްރޯޑްކާސްޓަރުންގެ މެދުގައި ކޮންޓެންޓްތައް ޝޯވކޭސް ކުރުން ހިމެނެއެވެ.

މި ސަމިޓު ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި ބާއްވާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތަކުންނެވެ.

މި ސަމިޓަކީ އޭއައިބީޑީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އަހަރީ ބައްދަލުވުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ