ޕާކިސްތާނުގެ ބާޒާރެއްގައި ބޮޑު ގޮވުމެއް: ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ

ޕާކިސްތާނުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމާ ގުޅިގެން ލިބުނު ގެއްލުންތައް ފުލުހުން ބަލަނީ. ފޮޓޯ: އޭޕީ
ޕާކިސްތާނުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމާ ގުޅިގެން ލިބުނު ގެއްލުންތައް ފުލުހުން ބަލަނީ. ފޮޓޯ: އޭޕީ

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ނުވަ މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އަފްގާނިސްތާނުގެ ބޯޑަރާ ކައިރީގައި އޮންނަ ލައްކީ މަރުވަތު ޑިސްޓްރިކްޓްގެ ސަރާއީ ނައުރަންގް އަވަށުގައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އަންގާރަ ދުވަހު ދިން މި ހަމަލާއަކީ ގޮވާތަކެތި ހަރުކޮށްފައިވާ ރިކްޝާއެއް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެކެވެ. ލޯކަލް ފުލުހުންގެ ވެރިޔާ އަޒްމަތުﷲ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ޓްރެފިކް ފުލުހުންގެ ދެ އޮފިސަރުންނާއި އަންހެނަކު ހިމެނެއެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 30 އަށްވުރެ ގިނަ ކަމަށް ރެސްކިއު 1122 އިން ބުނާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްވުމުގެ ސަބަބުން ބައްނޫގެ ހޮސްޕިޓަލްތަކަށް ވަނީ ބަދަލުކޮށްފައެވެ.

ޓީއެޗްކިއު ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް މުޙައްމަދު އިސްޙާޤު ވިދާޅުވީ މިހާތަނަށް 37 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، ބައެއް މީހުންގެ ހާލު ނާޒުކު ކަމަށެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، މީގެ ދުވަސްކޮޅެއް ކުރިން ބައްނޫ ޑިސްޓްރިކްޓްގައި ދިން ހަމަލާއެއްގައި 21 ފުލުހުން މަރުވި ހާދިސާއާ ގުޅިގެން ޕާކިސްތާނުން ތުހުމަތު ކުރަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަށެވެ.

ޕާކިސްތާނުގެ މި ތުހުމަތުތަކަށް އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ ރައްދު ދީފައެވެ. ތާލިބާންގެ ތަރުޖަމާނު ޛަބީހުﷲ މުޖާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ދޭ ހަމަލާތަކަކީ އަފްގާނިސްތާނުގައި ރޭވޭ ކަންކަން ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އަފްގާނިސްތާނުގެ ފަސްގަނޑު ބޭނުންކޮށްގެން އެހެން ގައުމަކަށް ހަމަލާދިނުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް ޗައިނާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، ބޯޑަރު ސަރަޙައްދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ