ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ 4,000 ފްލެޓްގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަނުވާ 450 އެއްހާ މީހުންގެ އެޕްލިކޭޝަން ބާތިލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިގޮތަށް ނިންމަން ޖެހުނީ ދޮގު މައުލޫމާތު ދީފައިވުމާއި ޝަރުތުތައް ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ. އަދިވެސް މަދު ހުށަހެޅުންތަކެއް މުރާޖައާ ކުރަމުންދާކަން ފާހަގަކުރައްވައި، މިހާތަނަށް ބެލިބެލުމުން 450 އެއްހާ މީހުންގެ އެޕްލިކޭޝަން ބާތިލުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުން ފްލެޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ބައެއް ބޮޑެތި މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން 76 އަށްވުރެ ގިނައިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ނުލިބި ހުއްޓައި، 75 މާކްސް ލިބުނު ބައެއް ފަރާތްތަކަށް ގުރުއަތު ނަގައި ފްލެޓް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓަކައި، ދޮގު މައުލޫމާތު ދީފައިވާ ފަރާތްތައް ބަލައި ކެންސަލް ކުރުމުގައި ހަރުކަށި އުސޫލެއް ގެންގުޅެން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން މިހާރު ވަނީ 75 މާކްސް ލިބިގެން ތިން ކޮޓަރީގެ ފްލެޓް ދީފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ކެންސަލް ކޮށްފައެވެ. މީގެ އިތުރުން ދެ ކޮޓަރީގެ ފްލެޓް ދީފައިވާ ބައެއް ފަރާތްތަކުގެ އެޕްލިކޭޝަންތައް ވެސް ކެންސަލް ކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގެޒެޓްގައިވާ ގޮތަށް 76 މާކްސްއިން ފެށިގެން މަތިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ކަށަވަރުކޮށްދިނުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި މި މަޝްރޫއުގެ ލިސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް ހުށަހެޅުމުން، މި ސަރުކާރުން ވަނީ ހާއްސަ ކޮމިޓީއެއް މެދުވެރިކޮށް ލިސްޓު މުރާޖައާ ކޮށްފައެވެ. މީގެ ކުރިން ވަޒީރު ލަފާކުރައްވާފައިވާ ގޮތުގައި، ޝަރުތު ހަމަނުވުމުގެ ސަބަބުން މުޅި ލިސްޓުން ޖުމްލަ 700 އެއްހާ މީހުން އުނިވުމުގެ ފުރުސަތު އެބައޮތެވެ.