ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވަނީ ބޭރުކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިގުގަރު ދާއިރާގެ މެންބަރު ނާޒިމް އެ ގްރޫޕުން ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރުއެވެ. މި ފިޔަވަޅު އަޅާފައި މިވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި 241 ކޮމިޓީންވެސް އޭނާ ވަކިކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، ނާޒިމްގެ ބަދަލުގައި މިހާރު 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އައްޔަންކުރެއްވީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލި ނަމަވެސް، މިއަދުގެ މަޖިލިސް ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ އޭނާއެވެ. ނަމަވެސް، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ހާޒިރުނުވުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ މާދަމާއަށް ފަސްކުރަން ޖެހިފައެވެ. ނާޒިމް ފުރަތަމަ އިއުލާނު ކުރެއްވީ 10:00 ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.