ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

fcc909ed-f40f-4046-bb72-d24e8e7af7e8

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިއަދު ވެސް ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ނެރުނު އެލާޓްތަކަށް ބަލާއިރު، ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 1:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ރޭ މެންދަމު 3:30 އިން ފެށިގެން މިއަދު ހެނދުނު 9:30 އާ ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވެސް ވައިޓް އެލާޓެއް ވަނީ ނެރެފައެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މި ހަފުތާގެ އެކި ދުވަސްތަކުގައި މެޓް އޮފީހުން އަންނަނީ ކައިރި ކައިރީގައި އެލާޓްތައް ނެރެމުންނެވެ.

ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނީ އާންމު ގޮތެއްގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށެއެވެ. އޭގެ ފަހުން މެދުރާއްޖެތެރެއަށް މި މޫސުމުގެ އަސަރު ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ