ދަނޑުބިންތަކުގައި "ގެއްލިފައި" ތިބި ބިދޭސީން: މިނިސްޓަރު ދެއްވީ ހޯދާނެ ކަމުގެ ޔަގީންކަން

542468295_18404201266140337_7497776667795302543_n (1)

ރާއްޖޭގެ ބައެއް ރަށްރަށުގެ ދަނޑުވެރިކަންކުރާ ސަރަހައްދުތަކުގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލައިގެން އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި، ބިންބޮޑު ރަށްރަށުގައި ހާއްސަކޮށް ދަނޑުވެރިކަން ފުޅާދާއިރާއެއްގައި ކުރާ ރަށްރަށުގެ ދަނޑުތަކުގެ ތެރޭގައި ބިދޭސީން ފިލައިގެން އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ލ. ގަން، ކ. ކާށިދޫ އަދި އއ. ތޮއްޑޫ ފަދަ ރަށްރަށުގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި، އެތަންތަނުން ބޭރަށް ނުނިކުމެ އެތައް އަހަރެއް ވަންދެން އުޅެމުންދާ ބިދޭސީން އެބަތިއްބެވެ. މި މީހުންނަކީ ދައުލަތުގެ ރެކޯޑުތަކުން ވާނުވާ ނޭނގޭ ހާލަތަށް ގޮސްފައިވާ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތިންވަނަ މަރުހަލާގައި އެންމެ އިސްކަމެއް ދޭނީ މިފަދަ ގޮތަކަށް ފިލައިގެން އުޅޭ ބިދޭސީން ހޯދުމަށެވެ. މިނިސްޓަރު ވިދާޅުވީ ބަޔޯމެޓްރިކްސް ނުނެގި ތިބި 4,040 މީހުން ހޯދުމަށް މުޅި ރާއްޖޭގައި އަތްފުނާ އަޅާނެ ކަމަށެވެ. މި މީހުންގެ ތެރޭގައި ދަނޑުތަކުގައި ފިލައިގެން އުޅޭ މީހުންވެސް ހިމެނޭއިރު، މިފަދަ މީހުންވެސް ހިމެނޭގޮތަށް އެކިކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އޮޑިދޯނިފަހަރު ފެތުމާއި އަލިފާނުގެ ހާދިސާތަކުގައި ވާނުވާ ނޭނގި މަރުވާ މީހުންވެސް މި 4،040 މީހުންގެ ތެރޭގައި ހިމެނޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގެ ތިންވަނަ މަރުހަލާގެ މައިގަނޑު މަގްސަދަކީ ގަވައިދާ ހިލާފަށް އުޅޭ އެންމެން ހޯދައި، ހައްޔަރުކޮށް، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމެވެ. މީގެ އިތުރުން، ގަވައިދާ އެއްގޮތަށް ހުއްދަ އޮތް ނަމަވެސް، ހުއްދަ ނެތް މަސައްކަތްތައް ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ހާއްސަކޮށް ކަންމަތީ ފިހާރަތަކާއި، މާރުކޭޓު ގޮޅިތަކާއި، ބޯކޮށާ ތަންތަނާއި، ސައިކަލު ދޮންނަ ތަންތަން ފަދަ ބިދޭސީން އަމިއްލައަށް ވިޔަފާރިކުރާ ތަންތަނަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގަވައިދާ އެއްގޮތަށް މަސައްކަތްކުރަމުން ދިޔައީ ބިދޭސީންގެ އެންމެ 20 އިންސައްތަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު ކުރެވުނު މަސައްކަތުން އެ އަދަދު 63 އިންސައްތައަށް އިތުރުކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދިވެސް 34 އިންސައްތަ މީހުން ގަވައިދުގެ ތެރެއަށް ނުވަދެ އުޅޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "ކުރަނގި އޮޕަރޭޝަން" ފެށީ 2024 ވަނަ އަހަރުގެ މޭ މަހުގައެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 191,723 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ވަނީ އެއްކުރެވިފައެވެ. މިއީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެވި ބިދޭސީންގެ 98 އިންސައްތައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ގަވައިދުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ