ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ. މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނޫރާނީ ސްކޫލުގައެވެ.
މި މަހުގެ 13 އިން 14 އަށް ކުރިއަށްގެންދާ މި ޑައިލޮގަކީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ އިގުތިސާދު ވަރުގަދަކޮށް ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހިންގާ ވިޔަފާރިތަކުގެ ބައިވެރިވުން އިޤުތިޞާދީ ސިޔާސަތުތައް އެކުލަވާލުމުގައި އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޑައިލޮގްގެ ތެރެއިން، ސަރަޙައްދީ އިގުތިސާދު ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ފަރާތުން ސީދާ މައުލޫމާތު އެއްކުރެވޭނެއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ކުރިމަގު ބައްޓަންކުރުމުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމުގެގޮތުން އައްޑޫ ސިޓީގައި ކުރިއަށްގެންދާ "އައްޑޫ ބިޒްނަސް ޑައިލޮގް" ފަށައިފި.
މޭ މަހުގެ 13 އިން 14 އަށް ކުރިއަށްގެންދާ މި ޑައިލޮގަކީ މާލޭގެ އިތުރުން އަތޮޅުތެރޭގެ އިޤުތިޞާދު… pic.twitter.com/YRuu726f0F
— Ministry of Economic Development,Transport & Trade (@MoEDmv) May 13, 2026
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ އައްޑޫ ސިޓީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ސްޕެޝަލް އިންސެންޓިވް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅޭގޮތުންނެވެ. އައްޑޫ ސިޓީގައި މި ޒޯން ރަސްމީކޮށް އިފްތިތާހުކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެހެންކަމުން، މި ޑައިލޮގަކީ އެ ތާރީހަށް ތައްޔާރުވުމުގެ ގޮތުން، ވިޔަފާރިވެރިންނަށް އެންމެ ފައިދާހުރި ގޮތަކަށް އުސޫލުތައް ބައްޓަންކުރުމަށް ލިބޭ ރަން ފުރުސަތެކެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މައުލޫމާތު ދޭ ގޮތުގައި، މި ޑައިލޮގްގެ ތެރެއިން ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، އައްޑޫގެ އިގުތިސާދީ ކުރިމަގާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ޕްލޭންތައް ވިޔަފާރިވެރިންނާ ހިއްސާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މި ބައްދަލުވުމުގައި މަސައްކަތް ކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ހިޔާލު ހޯދައި، އެންމެންގެ ބައިވެރިވުން އޮންނަ އިގުތިސާދެއް ބިނާކުރުމެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުންތައް ކޮންމެ ދުވަހަކުވެސް ހެނދުނު 08:30 އިން ހަވީރު 16:00 އަށް ކުރިއަށްދާނެއެވެ. މި ޑައިލޮގް ނިމޭއިރު، އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތަކާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދޭންޖެހޭ އެހީތެރިކަން ފާހަގަކުރެވިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ. މިއީ އައްޑޫގެ ކުރިމަގު ބައްޓަންކުރުމުގައި އެ ސިޓީގެ ވިޔަފާރިވެރިންނަށް ލިބޭ ވަރަށް މުހިންމު މަންސައެކެވެ.