މަސްވެރިކަމާއި ގުޅޭ

SHAM

އުމުރުން އަދި އެންމެ 17 އަހަރު. މިހާރު ކުޅަދާނަ މަސްވެރިއެއް

މަސްވެރިކަން މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައެވެ. މަސްވެރިކަމާމެދު ދެކެމުން އައި ގޮތްވެސް ބަދަލުވެއްޖެއެވެ. މިދާއިރާއަށް ވަންނަ ޒުވާނުން ދުވަހުން ދުވަހަށް އިތުރުވެގެން ދިއުމަކީ މީގެ ހެއްކެވެ. ބައެއް ކުދިން ސުކޫލުން ކިޔެވުން ނިންމާލާގޮތަށް މަސްދޯންޏައް އަރާކަށް މިހާރު ޖެހިލުމެއް ނުވެއެވެ. މަހަށްދާހިތުން އޯލެވެލް ނިމޭނެ ދުވަހަކަށް އިންތިޒާރުކުރަމުންދާ ކުދިން މިހާރު މަދެއް ނުވާނެއެވެ.

އއ. މަތިވެރި ހެޕީނައިޓް އުމުރުން 17 އަހަރުގެ ޝަމްއާނަކީ އުމުރުން ކިތަންމެ ހަގުނަމަވެސް، ބޮޑު މަސްވެރިއެކެވެ. ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުޅަދާނަ މަސްވެރިއެކެވެ. މަތިވެރީގައި ހުރި އެންމެ ޒުވާން އެއް މަސްވެރިޔާއެވެ.

ޝަމްއާން ބުނިގޮތުގައި އޭނާ މަހަށްދާން ފެށީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ވެފައި، މަސްވެރިކަމަށް ދިވެހި ޒުވާނުން ހޭލުންތެރި ކުރުމަށް ކަމަށެވެ. މީގެއިތުރުން މަހަށް ދިއުމަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކޮށްލުމުގެ ނަސީބު ލިބި އެކި ހިސާބުތަކުން ރައްޓެހިން ލިބުމަށް އޮތް ބޮޑު ފުރުސަތަކަށް ވާތީކަމުގަ އެވެ.

" އަޅުގަނޑު ދެކޭގޮތުގައި މަސްވެރިކަމުން ލިބޭ ފައިސާއަކީ އެންމެ ޙަލާލު ގޮތުގައި ލިބޭ ފައިސާ. އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ މަސްވެރިޔަކަށްވާތީ". އުމުރުން 17 އަހަރުގެ މަސްވެރިޔާ ބުންޏެވެ.

ޝަމްޢާން ބުނީ މި މަސައްކަތަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއްކަމަށާއި، ޒުވާނުން ކުރަން އެންމެ ރަނގަޅު މަސައްކަތަކީ މަސްވެރިކަން ކަމުގައެވެ.

" އަޅުގަނޑު އެދެނީ ސްކޫލް ކުދިންވެސް ޗުއްޓީ ދުވަސްވަރު މަހަށް ގޮސްލާ މިކަން ތަޖުރިބާ ކޮށްލަން. ގްރޭޑް 8، 9 އަދި 10 ގެ ކުދިން ޗުއްޓީ ދުވަސްވަރު މަހަށް ގޮސްލާ މިއީ ކިހާ ފައްކާ ކަމެއްކަން ތަޖުރިބާ ކޮށްލަންޖެހޭ". ޝަމްޢާން ބުންޏެވެ.

ޝަމްއާން މަހަށްދަނީ މަތިވެރީ ރަޙުމަތު ދޯނިންނެވެ. އެ ދޯންޏަކީ ބޮޑުކަންނެލީގެ މަސްވެރިކަމަށް ޚާއްސަ ދޯންޏެކެވެ.

"ވަރަށް ވަރުގަދަ ކުއްޖެއް އެއީ. އަނެއްހެން ބުނަންޏާ މުޅި އޮޑީގަ އެސޮރުގެ ދެފައި. ޖެހުނު ކޮންމެ މަސައްކަތެއް އޭނަ ކުރާނެ. އެގޮތަށް ހިފަހަށްޓާލެވިއްޖެނަމަ މާ ގިނަދުވަހެއްނުވެ އޭނަ ކޮޔޮޅުކަންވެސް ކުރާނެ". ޝަމްއާނާއެކު ރަހުމަތު ދޯނިން ކަންނެއްޔަށްދާ މަސްވެރިޔަކު ބުންޏެވެ.

ޝަމްއާން ކަންނެއްޔަށް ދާތާ 10 މަސް ވެފައިވާއިރު އޭނާބުނީ މިކަމަކީ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް ކަމަށާއި، ކުރިޔަށް އޮތްތާގައި ވެސް ކުރަން ބޭނުންވަނީ މި މަސައްކަތް ކަމުގައެވެ. އަދި މިކަމުގައި އޭނާގެ މައިންބަފައިން ގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ޝަމްއާން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!