މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) ގައި ގާއިމުކޮށްފައިވާ "އޮޕަރޭޝަން ކުރަނގި" ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ބަޔޮމެޓްރިކްސް ނެގުމަށް ހާޒިރުވާ ބިދޭސީންގެ ތެރޭގައި، މިހާރުވެސް މައުލޫމާތު ފުރިހަމަވެފައިވާ ފަރާތްތައް ގިނަކަން އެ މިނިސްޓްރީން ފާހަގަކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، ބަޔޮމެޓްރިކްސް އަދާހަމަކުރުމަށް ހާޒިރުވާ ބިދޭސީންގެ ތެރޭގައި 10 އިނގިލީގެ ނިޝާން ފުރިހަމަކޮށް، ބަޔޮމެޓްރިކްސް މައުލޫމާތު މިހާރުވެސް އަދާހަމަކޮށްފައިވާ ފަރާތްތައް ގިނަ އަދަދަކަށް ހިމެނޭ ކަމަށެވެ. އެހެންކަމުން، ބިދޭސީ މުވައްޒަފުން ބަޔޮމެޓްރިކްސް ނެގުމަށް ފޮނުވުމުގެ ކުރިން، އެ މުވައްޒަފަކީ 10 އިނގިލީގެ ނިޝާން ފުރިހަމަނުވާ ފަރާތެއްކަން ކަށަވަރުކުރުމަށް ވަޒީފާދޭ ފަރާތްތަކަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މައުލޫމާތު ކަށަވަރުކުރާނެ ގޮތް
ބިދޭސީ މުވައްޒަފުންގެ ބަޔޮމެޓްރިކްސް ސްޓޭޓަސް ބަލާލުމަށްޓަކައި މިނިސްޓްރީން ވަނީ ހާއްސަ ކިއު.އާރް ކޯޑެއް އާންމުކޮށްފައެވެ. މީގެ އިތުރުން، 10 އިނގިލީގެ ނިޝާން ފުރިހަމަނުވާ މުވައްޒަފުންގެ ލިސްޓު، އެކްސްޕެޓް ސިސްޓަމަށް ލޮގްއިން ވުމުން ޕޭޖުގެ މަތީގައިވާ "ރެޑް ނޯޓިސް" ގައިވާ ލިންކުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މި މިނިސްޓްރީން އެން.ސީ.އައި.ޓީގައި ގާއިމުކޮށްފައިވަ "އޮޕަރޭޝަން ކުރަނގި" ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ބަޔޮމެޓްރިކްސް ނެގުމަށް ހާޒިރުވާ ބިދޭސީންގެ ތެރޭގައި، މިހާރުވެސް 10 އިނގިލީގެ ނިޝާން ފުރިހަމަކޮށް، ބަޔޮމެޓްރިކްސް އަދާހަމަކޮށްފައިވާ ފަރާތްތައް ގިނަކަން މި މިނިސްޓްރީން… pic.twitter.com/JWNFIRtzmz
— Ministry of Homeland Security, Labour & Technology (@HomeMinistrymv) May 14, 2026
މި ދުވަސްވަރު ބިދޭސީން ބަޔޮމެޓްރިކްސް ނެގުމަށް މަގުމަތީގައި ދިގު ކިއުތަކެއް ހަދަމުންދާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ވަނީ، ކުރިން ނަގާފައިވާ ބިދޭސީންގެ މައުލޫމާތުތައް ގެއްލިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. ތަރުޖަމާނު ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތަކީ ބައެއް ފަރާތްތަކުގެ 10 އިނގިލީގެ ނިޝާން ހަމަނުވާތީ، އެ މައުލޫމާތުތައް ފުރިހަމަކޮށް ޑޭޓާބޭސް އަދާހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ ކުރިއެރުން
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މި ބޮޑު މަސައްކަތުގެ 98 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށާއި، އެފަރާތްތަކުގެ މައުލޫމާތު ސަރުކާރުގެ ނިޒާމުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މި އޮޕަރޭޝަން މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދީފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކޮށް، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. ވަޒީފާދޭ ފަރާތްތަކުން މިކަމަށް އެއްބާރުލުން ދިނުމަކީ ކިއުތައް ކުޑަކުރުމަށާއި މަސައްކަތް އަވަސްކުރުމަށް ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމަށް ހޯމް މިނިސްޓްރީން ފާހަގަކުރެއެވެ.