ޑައިވިނަށް ދިޔަ ފަސް ފަތުރުވެރިން ގެއްލިގެން ހޯދަނިކޮށް އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

breaking

ވ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ފޭބި ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް،  އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.

ވ. އަތޮޅު އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ކުރިން ބުނެވުނީ މައުލޫމާތުގެ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ހަވީރު ބުނީ، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑު ކަމަށެވެ. އަދި ބާކީ ތިބި ހަތަރު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ފަސް މީހުން ވެސް މަރުވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވުނީ، ހޯދުމުގެ މަސައްކަތް ކުރުމުގައި އުޅުނު ޓީމުތަކަށް އެރި އޮޅުމަކުން ކަމަށް ފުލުހުން ބުންޏެވެ. މި ކުށަށް މާފަށް އެދެމުން ފުލުހުން ބުނީ، ނުފެނިވާ ހަތަރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

"ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:45 އެހާއިރުއެވެ. އެނގިފައިވާ ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ޑައިވިނަށް ފޭބި މި ގްރޫޕް މެންދުރު 12:00 ޖެހިއިރު ވެސް އަނބުރާ ސަފާރީއަށް ނާރާތީ އެ މީހުން ހޯދުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައެވެ.

މި ހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ވެސް ނެރެފައިވާ ވަގުތެކެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ