މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ އިސްލާމްދީނުގައި އެންމެ މާތް ދުވަސްތަކުގެ ގޮތުގައި ބެލެވޭ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ މައްޗަށެވެ. ހުތުބާގައި ބަޔާންކުރި ގޮތުގައި، ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޯބިވެވޮޑިގެންވާ މަސްތަކަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހެވެ. އެއީ ރަޖަބު މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހުގެ އިތުރުން މުޙައްރަމް މަހެވެ. މި މަސްތަކުގެ ތެރެއިންވެސް އެންމެ މާތް މަހަކީ ޛުލްޙިއްޖާ މަސް ކަމަށާއި، އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އިރުއަރާނެ އެންމެ މާތް ދުވަސްތައް ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ.
ދީނީގޮތުން މި ދުވަސްތަކަށް ދެވިފައިވާ މަޤާމު
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގެ ފަޖުރު ސޫރަތުގައި ﷲ ތަޢާލާ އެ ދުވަސްތައް ގަންދެއްވައި ހުވާކުރައްވާފައިވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އަދި މި ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަކީ އެހެން އެއްވެސް ދުވަހެއްގައި ކުރާ އަމަލުތަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ލޯބިވެވޮޑިގެންވާ އަމަލުތަކެއްކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގެން އޮތްކަންވެސް ފާހަގަކުރިއެވެ. މި ދުވަސްތަކުގައި ކުރެވޭ ހެޔޮ އަމަލުތަކުގެ ދަރަޖަ، ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާކަން ހުތުބާގައި ބަޔާންކުރިއެވެ.
މި ދުވަސްތަކުގައި ކުރަންވީ މުހިންމު ހެޔޮ އަމަލުތައް
މި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުތުބާގައި ވަނީ އޮޅުންފިލުވައިދީފައެވެ. އޭގެ ތެރޭގައި:
- ތައުބާވުން: އިޚްލާޞްތެރިކަމާއެކު ފާފަތަކުން ދުރުހެލީވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުން.
- ރޯދަހިފުން: މި ދިހަ ދުވަހު ރޯދަހިފުމަކީ މުސްތަޙައްބު ކަމެކެވެ. ޚާއްޞަކޮށް ޢަރަފާތް ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ ކަމެކެވެ.
- ޛިކުރުކުރުން: ތަކްބީރު ކިޔުމާއި، ތަސްބީޙަ ކިޔުމާއި، ތަޙްމީދު ކިޔުން ގިނަކުރުން. މިގޮތުން މިސްކިތްތަކާއި، ގޭގޭގައާއި، މަގުމަތީގައި އަޑުހަރުކޮށް ތަކްބީރު ކިޔުމަކީ ސުންނަތެކެވެ.
- ޞަދަޤާތްކުރުން: މުދަލުން ހޭދަކުރުމަކީ މި ދުވަސްތަކުގައި ދަރުމަ އިތުރުވެގެންވާ ކަމެކެވެ.
- އުޟްޙިޔާ ކަތިލުން: ޢީދު ނަމާދަށްފަހު އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
ޙައްޖުގެ މާތްކަމާއި ނުބައި އަމަލުތަކުން ދުރުހެލިވުން
މި ދުވަސްތަކުގައި ކުރެވޭނެ އެންމެ މަތިވެރި އަމަލަކީ އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަން އަދާކުރުންކަން ޚުޠުބާގައި ފާހަގަކުރިއެވެ. މަޤްބޫލު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ނޫން އެހެން އެއްޗެއް ނޫންކަން ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން އެނގެއެވެ. މީގެ އިތުރުން، ފަރުޟު ނަމާދުތަކަށް ރައްކާތެރިވުމާއި، ސުންނަތް ނަމާދުތައް ގިނަކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމަށް ހުތުބާގައި ބާރުއެޅިއެވެ.
ހުތުބާ ނިންމާލަމުން ވަނީ، ހެޔޮ އަމަލުތައް ކުރުމަށް ބާރުއަޅާ ފަދައިން، ނުބައި އަމަލުތަކުން ދުރުހެލީވުމަށްވެސް ނަސޭހަތްތެރިވެފައެވެ. ދޮގުހެދުމާއި، ގީބަބުނުމާއި، ދެބައުވުމާއި، މީހުންނަށް މަލާމާތްކުރުން ފަދަ ފާފަތަކުން ދުރުހެލީވުމަށް ގޮވާލިއެވެ. މިފަދަ މާތް ދުވަސްތަކެއްގައި ކުރެވޭ ފާފަތަކުގެ ސަބަބުން ﷲ ގެ ރަޙްމަތުން މަހުރޫމުވެދާނެ ކަމުގެ އިންޒާރު ދެމުން، ދުނިޔޭގެ އެންމެ ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކުރިއެވެ.