ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް މިއަދު ފުރަނީ

ހައްޖުވެރިން އެއާޕޯޓަށް ދިއުން. ފޮޓޯ: ޕީއެސްއެމް
ހައްޖުވެރިން އެއާޕޯޓަށް ދިއުން. ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރަތަމަ ފްލައިޓުގައި ސަޢޫދިއާ އެއާލައިންގައި 235 ހައްޖުވެރިން ދަތުރުކުރާނެއެވެ.

ދިވެހިރާއްޖެއަށް މިއަހަރުވެސް ރަސްމީ ކޯޓާގެ ދަށުން 1000 ފުރުސަތު ލިބިފައިވާއިރު، ހައްޖުވެރިން ސަޢޫދީއަށް ގެންދިއުމަށް ޖުމްލަ ހަތަރު ފްލައިޓެއް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަޢޫދިއާ އެއާލައިންގެ ދެ ފްލައިޓާއި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދެ ފްލައިޓެވެ. މިއަދު ފުރާ ގްރޫޕުގެ އިތުރުން، މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުވެސް ހައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

ފްލައިޓުތަކުގެ ތަފްސީލަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 252 ހައްޖުވެރިން ފުރާނެއެވެ. އަދި 18 ވަނަ ދުވަހު ސަޢޫދިއާ އެއާލައިންގައި 250 މީހުން ފުރާއިރު، 19 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި ބާކީ ތިބި 252 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. ޙައްޖުވެރިންގެ ދަތުރުތައް ވީހާވެސް ލުއިފަސޭހަކުރުމަށްޓަކައި ޙައްޖު ކޯޕަރޭޝަނުން ވަނީ ދުރާލާ ގިނަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. މީގެ ތެރޭގައި ފުރުމުގެ ކުރިން ފޮށިތައް ޗެކިންކުރުމާއި، އެއާޕޯޓަށް ދިއުމަށް ޚާއްޞަ ބަސް ދަތުރުތައް ހަމަޖެއްސުން ހިމެނެއެވެ. ޙައްޖުވެރިން ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން އެއާޕޯޓަށް ގެންދިއުމުގެ މަސައްކަތް ބަސް ރޫޓުތައް މެދުވެރިކޮށް ކުރިއަށްދާނެއެވެ.

މިއަހަރުގެ ހައްޖު ދަތުރުގައިވެސް ހައްޖުވެރިންނަށް "މައްކާ ރޫޓު"ގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ ސަބަބުން ޖިއްދާ އެއާޕޯޓުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހި، އިމިގްރޭޝަންގެ ކަންކަން އަވަހަށް ނިންމާލުމަށްފަހު ސީދާ ހޮޓަލަށް ދިއުމުގެ ފުރުސަތު ޙައްޖުވެރިންނަށް ލިބޭނެއެވެ. މީގެ އިތުރުން، ޙައްޖުގެ އަޅުކަމުގެ ތެރެއިން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހޭ މިނާގެ އިންތިޒާމްތަކަށް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ދިވެހި ޙައްޖުވެރިން މިނާގައި ތިބޭ ސަރަޙައްދުގެ ކެޓަގަރީ މަތިކޮށް، ޖަމުރާއަށް ހިލައުކަން ދިއުމަށް ފަސޭހަ، މައި މަގަކާ ގާތް ސަރަޙައްދަކަށް ވަނީ ބަދަލުކޮށްފައެވެ. މިނާގައި ދިވެހިންނަށް ހާއްސަކޮށްގެން ފާހާނާގެ ހިދުމަތްވެސް ވަނީ އިތުރުކޮށްފައެވެ. އައު އިމާރާތަކާއެކު ފާހާނާގެ އަދަދު 60 އަށްވުރެ އިތުރުކޮށްފައިވާއިރު، އަންހެނުންނާއި ފިރިހެނުންނަށް ވަކިން މި ހިދުމަތް ލިބޭނެއެވެ. އަދި ކެއިންބުއިމުގެ ކަންކަން ރަނގަޅުކުރުމަށް ބަދިގެ ބޮޑުކޮށް، އިތުރު ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ.

މިނާގެ އިތުރުން އަރަފާތު ބިމުގައިވެސް ދިވެހިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އަރަފާތުގައި ދިވެހިން ތިބޭ ސަރަހައްދު ވަށައިގެން ފެންސް ޖަހައި، އެއީ ހަމައެކަނި ދިވެހިންނަށް ވަދެވޭނެ ހާއްސަ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ސަޢޫދީ ޢަރަބިއްޔާގައި ހައްޖުވެރިން ހޭދަކުރާ މުއްދަތުގައި ހޮޓަލުގެ އިންތިޒާމްތަކާއި، ކެއިންބުއިމުގެ އިތުރުން ސިއްހީ ހިދުމަތްތައްވެސް ލިބޭނެ ގޮތް ވަނީ ފުރިހަމައަށް ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ